އެކުއަކަލްޗަރ ހަރަކާތްތައް ތަރައްޤީކޮށް، ހިންގައި އަދި ބެލެހެއްޓުމަށްޓަކައި ފަޅު ރަށްތަކާއި އެ ރަށްތަކުގެ ފަޅާއި ފަރުތައް ކުއްޔަށް ދިނުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ.
މަސްވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ސަރުކާރުން އަންނަނީ އެކި މަޝްރޫޢުތައް ކުރިއަށްގެންދަމުންނެވެ. މިގޮތުން ގަވާއިދުތަކަށް އެކި އިސްލާޙުތައް ގެނެސް މިމަސައްކަތް ހަރުދަނާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިގޮތަށް ދޫކުރާ ރަށްރަށް ފުރަތަމަ ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަށެވެ. ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތަށް، މި މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮތް ނަމަވެސް މުޅި ޖުމްލަ 50 އަހަރަށްވުރެ އެ މުއްދަތު އިތުރެއް ނުކުރެވޭނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ރަށް ނުވަތަ އެކަހެރި ފަޅުތައް އަމިއްލައަށް ބަލާ ދިރާސާކުރަންޖެހޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މިފަދަ ދިރާސާއެއް ކުރަން ބޭނުންވާނަމަ، އެ ވުޒާރާއިން ދޫކުރާ ޒިޔާރަތްކުރުމުގެ ހުއްދައެއް ހޯދަންޖެހޭނެއެވެ. ނަމަވެސް ރަށް ނުވަތަ ފަޅުގެ ދިރާސާ ނުކުރި ނަމަވެސް ބީލަން ބާޠިލެއް ނުވާނެއެވެ.
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެމްބަރު 6 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ބީލަން ހުށަހެޅުމުގެ ފުރުސަތު އެ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.