ސަޢުދީ ޢަރަބިއްޔާގެ "ސަޢުދީ ވިޟަން 2030" ގެ ދަށުން އަލަށް ތަޢާރަފުކޮށްފައިވާ ނުސުކް ޢުމްރާ ޚިދުމަތާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް މެދުވެރިއެއްގެ އެހީތެރިކަމަކާ ނުލައި އަމިއްލައަށް ޢުމްރާ ކުރުމުގެ މަގު ވަނީ ފަހިވެފައެވެ.
މި އައު ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ޢުމްރާވެރިންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދީ، ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމެވެ. ނުސުކް ޢުމްރާ ވެބްސައިޓް މެދުވެރިކޮށް ޢުމްރާ ވިސާއަށް ހުށަހެޅުމާއި، ޢުމްރާއާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައް ހޯދުމުގެ ފުރުޞަތު ޢުމްރާވެރިންނަށް ލިބިގެންދާނެއެވެ.
މި ޚިދުމަތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޢުމްރާވެރިންނަށް އަމިއްލައަށް ދަތުރުގެ ކަންކަން ރޭވުމުގެ މިނިވަންކަން ލިބިގެންދިއުމެވެ. އެގޮތުން، ތަފާތު ޢުމްރާ ޕެކޭޖުތަކުގެ ތެރެއިން ޚިޔާރުކުރުމުގެ ފުރުޞަތު ލިބުމުގެ އިތުރުން، އަމިއްލައަށް ވިސާ ހަމަޖެއްސުމާއި، ހުރުމުގެ އިންތިޒާމުތަކާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި ޓުއަރތައް ވެސް ހަމަޖެއްސިދާނެއެވެ.
ކޮންމެ މީހަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޚިދުމަތް ހަތް ބަހަކުން ލިބެން ހުންނާނެއެވެ. އަދި ސަރުކާރުގެ އެހެނިހެން ނިޒާމުތަކާ ގުޅިފައިވާ މި މަންޞާ މެދުވެރިކޮށް ފައިސާ ދެއްކުމަށް ވެސް ތަފާތު އެކި ގޮތްތައް ހުންނާނެއެވެ.
ނުސުކް ޢުމްރާ ޚިދުމަތް ތަޢާރަފުކުރުމާއެކު، ޢުމްރާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު އަމިއްލައަށް ދަތުރު ރާވައި، ޚަރަދުތައް ކުޑަކޮށް، އިތުބާރުހުރި ގޮތެއްގައި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ.