ބޮޑުތަކުރުފާނު މަގު 4 ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޢިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ އުތުރު ސަރަޙައްދުގައި ހިމެނޭ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައެވެ.
މަގު ހެދުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވި ގޮތުގައި، "މާލޭގެ ތޮއްޖެހުމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އެބަގެންދެއެވެ." އަދި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެގެން ދިއުމާއެކު، މާލެ ސިޓީ ވެގެންދާނީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، ޢިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެވެ.
މި މަޝްރޫޢު ނިމުމުން މާލޭގެ މައި މަގުތަކުގެ ތެރެއިން އެއް މަގެއް ކަމުގައިވާ ބޮޑުތަކުރުފާނު މަގު 4 ލޭނަށް ފުޅާވެ، ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދާނެއެވެ. މީގެ ސަބަބުން މާލޭގެ ޓްރެފިކް ތޮއްޖެހުން ކޮންމެވެސް ވަރަކަށް ލުއިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.