އެއް ދަރި ގުއިކުރީމާ މައިންބަފައިންނަށް ޖެހުނު ޙާލާ ގުއިކުރީމާވެސް އެކަމަށް ނުބަލައި ނިކަމެތި ޙާލުގައިވެސް މަންމައާއިބައްޕައަށް ހެޔޮކޮށް ހިތި ދަރިއަކަށް ލިބުނު ބޮޑު ތަނަވަސްކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
އެއް ދަރި ގުއިކުރީމާ މައިންބަފައިންނަށް ޖެހުނު ޙާލާ ގުއިކުރީމާވެސް އެކަމަށް ނުބަލައި ނިކަމެތި ޙާލުގައިވެސް މަންމައާއިބައްޕައަށް ހެޔޮކޮށް ހިތި ދަރިއަކަށް ލިބުނު ބޮޑު ތަނަވަސްކަމުގެ ވާހަކަ-

އެދެމަފިރިންގެ ތިބީ 2 އަންހެންދަރިންނެވެ. ދެދަރިންނަށްވެސް ކިޔަވައިދިނެވެ. ނަމަވެސް ލޯބިދިނުމުގައި ތަފާތުކުރިއެވެ. ބޮޑަށް ލޯބިދިނީ ހަގުދަރިފުޅަށެވެ. ދޮށީ ދަރިފުޅަށް އެކަން އިޙްޞާޞްކުރެވި ވަރަށް ދެރަވެއެވެ. ނަމަވެސް އެކަމެއް ނުއަންގައެވެ. އެކަމުގެ ހިތްދަތިކަމުގައި އުޅެމުން އައިސް ކައިވެނިކުރެވުމުން މައިންބަފައިންގެ ހުރި ތަނަވަސްކަމަށް ނުބަލައި ފަޤީރު ފިރިމިހާއާއިއެކު ގެއިން ނުކުމެގެން ދިއައީއެވެ. 

ކައިވެންޏަށް 3 ވަނަ އަހަރު ކޮއްކޮގެ ދެމަފިރިން އައިސް އެދުނީ މަންމަ ބެލުމާއި ޙަވާލުވުމަށެވެ. އެމީހުން ބައްޕަ ބަލާނެ ކަމަށެވެ. ގެދޮރުގެ ދަތިކަމާއި އަތްމަތިދަތިކަން ހުރުމާއިއެކުވެސް ދައްތަގެ ފިރިމީހާ އެކަމަށް ރުހުނެވެ. ނަމަވެސް ބުނީ މުސްކުޅި ޢުމުރުގައި ދެމަފިރިން ވަކިކުރުވަން ނުވާނެ ކަމަށާއި މަންމައާއިއެކު ބައްޕަވެސް ގެނެސްދިނުމަށެވެ. އެހެން ބުނުމުން ފުރުޞަތުގެ ބޭނުން ހިފައި މަންމަ ޢާއި ބައްޕަ އެކުގައި ގެނެސް ދެމަފިރިންނާއި ޙަވާލުކުރިއެވެ. 

މައިންބަފައިންގެ ގެއިން ކުއްޔަށްދީފައި ހުރި ތަންތަނުން ލިބޭ ކުލިވެސް ބޭނުންކުރަމުން ދިއައީ ކޮއްކޮގެ ދެމަފިރިންނެވެ. ދައްތަގެ ފަރާތުން އެކަމަކަށްވެސް އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އެދެމަފިރިންނަށް ކޮށްދެވުނުހައި ރަނގަޅަކަށް މަންމައާއި ބައްޕައަށް ކަންކަން ކޮށްދިނެވެ. 

މަންމަ ނިޔާވީ 5 އަހަރު ފަހުންނެވެ. ބައްޕަ ނިޔާވީ 7 އަހަރު ފަހުންނެވެ. ބައްޕަ ނިޔާވުމާއިއެކު ފޭކް ލިޔުމެއް ތައްޔާރުކޮށް ގެއާއި ގޯތި ހޯދަން ކޮއްކޮ ކޯޓަށް ހެށުޅިއެވެ. ޝަރީޢަތް ފެށުނު ދުވަހު ވާރުތަވެރިޔާ ބޮޑުބޭބެ ކޯޓަށް ހުށަހެޅި ލިޔުމަކުން ދެބެއިންވެސް ދިއައީ ސިއްސައިގެންނެވެ. ލިޔުމަކީ ޤާނޫނީ ހުރިހާ ަމރުޙަލާތަކެއް ފުރިހަމަކޮށްފައިވާ ލިޔުމަކަށްވެފައި ލިޔުމުގައި އޮތީ ގެއާއި ގޯތި ދައްތައަށް ހިބައިން ދީފައިވާ ކަމަށެވެ. ބިމަކީ އަމިއްލަ ބިމަކަށްވާތީ ގެނެވޭނެ ބަދަލެއް އޮތް ކަމަކަށް ނުވިއެވެ. ކޮއްކޮއަށް ލިބުނީ އަދަބެވެ. އެއީ ވަގު ލިޔުމެއް ކޯތަށް ހުށަހަޅައި މަކަރާ ހީލަތް ހަދަން އުޅުނު ކަމުގެ އަދަބެވެ. 

މިއީ މީހަކު އަޅުގަނޑަށް ކިޔައިދިން ވާހަކައެކެވެ. މައިންބަފައިންނަށް ބުނެލަން ބޭނުންވަނީ ވަކިދަރިއަކު ނުވަތަ ދަރިން ރަން ނުކުރާށެވެ. ބަލަންޖެހޭނީ ކޮން ދަރިއަކަށް ކަމެއް ނުއެނގޭނެއެވެ. ގުއިކުރާ ދަރިންނަށް ބުނެލަން އޮތީ މައިންބަފައިން ކަންކުރި ގޮތަށް ބަލައި މައިންބަފައިންނަށް ޚިދުމަތްކުރަން ލިބޭ ފުރުޞަތު ދޫކޮށްނުލާށެވެ. އެކަމަށް ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން