ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ އަމާޒު ހިފާފައެވެ.
އެފްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާތަނަށް 1،826 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވެއެވެ. އަދި ޖުމްލަ 2،774 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ތާވަލު ކުރެވިފައެވެ.
އެފްޑީސީން ވިދާޅުވެފައިވާ ގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށްޓަކައި، ފުލެޓު ލިބޭ ފަރާތްތަކުން ލިޔެކިޔުންތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވައެވެ. މި މަސައްކަތް ފެށިފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބޭނީ 76 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ. އަދި 76 މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ކަނޑައެޅުމަށްފަހު، ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.