ވެލާނާ އެއަރޕޯޓުގެ ކުރީގެ ރަންވޭ ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ވެލާނާ އެއަރޕޯޓުގެ ކުރީގެ ރަންވޭ ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ކުރީގެ ރަންވޭ އަދި ޓެކްސީވޭ ޗާލީ އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. މި މަޝްރޫޢު އެ ކުންފުންޏާ ހަވާލުކުރެވުނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު 15 ވަނަ ދުވަހުއެވެ.

އެމްއޭސީއެލްއިން ފާހަގަކުރި ގޮތުގައި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ އެޕްރީލް 10 ވަނަ ދުވަހުއެވެ. ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވަނީ ކަނޑައެޅިފައިވާ ތާވަލަށްވުރެ 84 ދުވަސް ކުރިން ނިންމާލާފައެވެ.

މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ނިމުނުކަން ފާހަގަކުރުމަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވުނު ރަސްމިއްޔާތުގައި، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވަނީ ބީޔޫސީޖީގެ ޕްރޮޖެކްޓް ޑިރެކްޓަރު ކަންގް ގުއަންގް ބޯއާ މަސައްކަތް ނިމުނުކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލް އަދި ބީޔޫސީޖީގެ އިސްވެރިންގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އެއަރޕޯޓުގެ ވަސީލަތްތައް އަޕްގްރޭޑްކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން