ދިވެހިރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެސްފިއެވެ. ޒަކާތު ހައުސްއިން މިއަދު ހާމަކުރި ގޮތުގައި، މިމަހުގެ 21 އިން ފެށިގެން ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު 11,191.95 ރުފިޔާއަށް މަތިވެފައިވެއެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. މިގޮތުން ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރަށްވެސް ބަދަލު އަންނަމުންދެއެވެ. މިއީ މިދިޔަ އޭޕްރީލް މަހާ އަޅާބަލާއިރު ފާހަގަކުރެވޭ މިންވަރެއްގެ އިތުރުވުމެކެވެ. އެހެނީ އޭޕްރީލް މަހު މުދަލު ޒަކާތުގެ ނިޞާބު ހުރީ 9,264.15 ރުފިޔާގައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަމުންނެވެ. އެމްއެމްއޭ އިން އެންމެ ފަހުން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، މިވަގުތު ބާޒާރުގައި ރިހީގެ އަގު ހުރީ ގްރާމަކަށް 18.81 ރުފިޔާގައެވެ. އަދި ރަނުގެ އަގު ހުރީ ގްރާމަކަށް 1,652.10 ރުފިޔާގައެވެ.
ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން މިހާރު ކަނޑައަޅާފައިވާ އަގަކީ ރިހީގެ 595 ގްރާމަށްވާ މިންވަރުކަން ޒަކާތު ހައުސްއިން ފާހަގަކޮށްފައިވެއެވެ.