ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޤައުމީ އިނާމު މާލެ ފިޔަވައި އެހެން ރަށެއްގައި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތީ އުތުރުބުރީ އުތީމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ޖެހިޖެހިގެން ދެ އަހަރު އުތީމުގައި ރަސްމީ ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި މިހާރު ވަނީ ޤައުމީ ދުވަހުގެ ރަސްމިއްޔާތުތަކުގެ ތައްޔާރީތައް ވަރަށް ފޯރިއާއެކު ކުރިއަށް ގެންދެވިފައެވެ.
ޤައުމީ ދުވަހުގެ ރަސްމިއްޔާތުތަކުގެ ތެރޭގައި ހެނދުނު ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް އޮންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާ އުތީމަށް ވަޑައިގަންނަވާނީ ހެނދުނު 9:00 ހާއިރުގައެވެ. ރައީސްއަށް މަރުޙަބާ ދެންނެވުމަށް ސަޤާފީ ހަރަކާތްތަކެއް ރަށުގެ ބަނދަރު ސަރަޙައްދުގައި ކުރިއަށްދާނެ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގައި ނިމިފައިވާ މުހިންމު މަޝްރޫޢުތަކުގެ ނިންމުން ފާހަގަކުރެއްވުމާއެކު، ޤައުމިއްޔަތު މަޝްރޫޢުގެ ދަށުން ހިންގާ އިތުރު މަޝްރޫޢުތަކެއް ފައްޓަވައިދެއްވުމަށް ވެސް ހަމަޖެހިފައެވެ. ޤައުމީ ދުވަހުގެ މައި ރަސްމިއްޔާތު އޮންނާނީ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޤައުމީ އިނާމު މާލެ ފިޔަވައި އެހެން ރަށަކުން ދެވޭ ފަހަރު ކަމަށްވުމާއެކު، މި ކަމަކީ ލާމަރުކަޒީ އުސޫލުން ޤައުމީ ފެންވަރުގެ ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.