ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، ބިދޭސީންގެ އެކި ކަންކަމާ ގުޅިގެން ދައުލަތަށް ޖުމްލަ 2.03 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ވޯކް ޕާމިޓް ފީގެ ގޮތުގައެވެ. އެގޮތުން ވޯކް ޕާމިޓް ފީގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ކޯޓާ ފީގެ ގޮތުގައި 794 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ސާރވިސް ފީގެ ގޮތުގައި 1.8 މިލިޔަން ރުފިޔާއާއި ޖޫރިމަނާ ފައިސާގެ ގޮތުގައި 6.3 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ނަމަވެސް، ދައުލަތަށް އަދިވެސް ލިބެންޖެހޭ 967 މިލިޔަން ރުފިޔާ ނުލިބި ވާކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި ވޯކް ޕާމިޓް ފީގެ ގޮތުގައި 799 މިލިޔަން ރުފިޔާއާއި، ކޯޓާ ފީގެ ގޮތުގައި 156 މިލިޔަން ރުފިޔާ އަދި ޖޫރިމަނާގެ ގޮތުގައި 10 މިލިޔަން ރުފިޔާ ހިމެނެއެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބިދޭސީންނާ ގުޅުންހުރި އެކިއެކި ފީތަކުން ދައުލަތަށް ފާހަގަކުރެވޭ މިންވަރެއްގެ އާމްދަނީއެއް ލިބެމުންދާއިރު، އަދިވެސް ނުލިބި ހުރި ފައިސާގެ އަދަދު ވެސް ކުޑައެއް ނޫނެވެ.