ހުޅުމާލޭ އިންޖީނުގޭގައި މިއަދު ކުރެވުނު މޭޖަރ މެއިންޓަނަންސް މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހުޅުމާލޭ އިންޖީނުގޭގައި މިއަދު ކުރެވުނު މޭޖަރ މެއިންޓަނަންސް މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި

ހުޅުމާލޭ އިންޖީނުގޭގައި މިއަދު ކުރެވުނު މޭޖަރ މެއިންޓަނަންސް މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، 50 މެގަވޮޓްގެ ހުޅުމާލޭ އިންޖީނުގެ ނިއްވާލައިގެން ކުރެވުނު މި މަސައްކަތް މިއަދު ހެނދުނު 8:43 ގައި ވަނީ ނިންމާލެވިފައެވެ. އަދި މި މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވިފައިވާ ގަޑި ކަމުގައިވާ 10:00 ގެ ކުރިން މަސައްކަތް ނިންމާލައި، ހުރިހާ ކަސްޓަމަރުންނަށް ވަނީ އަލުން ކަރަންޓު ދެވިފައެވެ.

"މި މަސައްކަތް މިހާ އަވަހަށް ނިންމާލެވުނީ ސްޓެލްކޯގެ ޚިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ޤާބިލްކަމާއި ހީވާގިކަމުން،" ފަހުމީ ވިދާޅުވިއެވެ. އަދި މީގެ އިތުރުން މުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤާއި، އެ މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ޤައުމަށް ޚިދުމަތްކުރުމުގެ މަތިވެރި ރޫޙު ފާހަގަކުރެއްވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި މި މަސައްކަތުގައި ބައިވެރިވި މުޅި ޓީމަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވައެވެ. އަދި މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގްރޭޓަރ މާލެ ސަރަޙައްދުގެ ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެންމެހާ ކަސްޓަމަރުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

މި މަސައްކަތަކީ ހުޅުމާލޭގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް ވެއެވެ.

މިއަދު އޮންލައިން