ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މަކިޓާގެ 25 އަހަރުގެ ޕާޓްނާޝިޕް ފާހަގަކުރުމުގެ ހާއްސަ ހަފްލާއެއް ކުރުނބާ މޯލްޑިވްސް ރިޒޯޓްގައި ބާއްވައިފިއެވެ.
މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. އަދި މި ހަފްލާގައި އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ، ޝިމާދު އިބްރާހިމްގެ އިތުރުން މަކިޓާގެ ޑިރެކްޓަރ އަދި ކޯޕަރޭޓް އޮފިސަރ، ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއަރޓަރގެ އޮމޮޓޭ ޓަކާޝީވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހަފްލާގައި މަކިޓާގެ އައު ޓޫލްސްތައް ތަޢާރަފުކޮށް، ހާއްސަ އެކްސްޕީރިއަންސް ޒޯނެއްގައި އެ ޓޫލްތައް ބޭނުންކުރެވޭ ގޮތް ބައިވެރިންނަށް ދައްކާލިއެވެ. އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ޑިރެކްޓަރ މުހައްމަދު އީމާން ވާހަކަފުޅު ދައްކަވަމުން، އެސްޓީއޯއާއި މަކިޓާގެ 25 އަހަރުގެ ގާތް ގުޅުމަށް އަލިއަޅުވާލައްވައި، ކަސްޓަމަރުންނަށް ހާއްސަ ޝުކުރެއް ދެންނެވިއެވެ.
މި ހަފްލާގައި އެސްޓީއޯއާއި މަކިޓާއިން އެންމެ ގިނައިން ވިޔަފާރިކުރާ އަދި ގާތް ގުޅުމެއް ބާއްވަމުންގެންދާ ކަސްޓަމަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ދިނެވެ. މީގެ ތެރޭގައި އެމްއޭސީއެލް، އެޗްޑީސީ، ސްޓެލްކޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއެންޑީއެފް، ޔުނިވަރސަލް ހޯކްސް، އަލިއާ ކޮންސްޓްރަކްޝަންސް އަދި އެސްޖޭ ކޮންސްޓްރަކްޝަންސް ފަދަ ފަރާތްތައް ހިމެނެއެވެ.
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، އޮމޮޓޭ ޓަކާޝީ އަދި ސަފީރު އިޝިގާމީ ރުމިކޯ ވަނީ މަކިޓާއާއި އެސްޓީއޯއާ ދެމެދު އޮތް ގުޅުން ފާހަގަކުރައްވައި، އޭގެ ސަބަބުން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް އަންނަމުންދާ ހެޔޮ ބަދަލުތަކަށް މަރުހަބާ ވިދާޅުވެފައެވެ.