ޢިބްރަތްތެރި ޥާހަކަ: އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާގެ ހުރި ރަނގަޅުކަން އެނގުނީމާ ދަމައިގަނެވޭތޯ މަސައްކަތްކުރި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ޢިބްރަތްތެރި ޥާހަކަ: އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާގެ ހުރި ރަނގަޅުކަން އެނގުނީމާ ދަމައިގަނެވޭތޯ މަސައްކަތްކުރި އަންހެނެއްގެ ވާހަކަ-

އަޅުގަނޑުގެ ފިރިމިހާއަކީ ވަރަށް ބުރަކޮށް އޮފީހެއްގައި މަސައްކަތްކުރާ މުވައްޒިފެކެވެ. ހެނދު 8 ޖަހާއިރު ގެއިންދާ ގޮތަށް އެނބުރި އައުދެވޭނީ ހަވީރު 5 ޖަހާ އެހާކަންހާއިރުއެވެ. ގެއަށް ވަދެ ހެދުން ބަދަލުކޮށްލުމާއިއެކު ފުރަތަމަވެސް ސުވާލުކުރާނީ އަޅުގަނޑުގެ މަސައްކަތް ކުރެވުނުތޯއެވެ؟ އެއްވެސް ކަމެއް ނުނިންމިފައި އެބަހުރިތޯއެވެ؟ ނަމާދުތައް ކުރިންތޯއެވެ؟ 

އެސުވާލުތައް ކުރާތީ ކައިވެނީގެ ފުރަތަމަކޮޅު ވަރަށް ލަދުވެސް ގަނެއެވެ. އެއީ އެހާބުރަކޮށް މަސައްކަތްކޮށްފައި ގެއަށް އަންނަ ގޮތަށް ވަރުބަލިވެސް ފިލުވާނުލައި އަޅުގަނޑު ކުރަންޖެހޭ މަސައްކަތްތަކަށް އެހީތެރިވެދޭން ތައްޔާރަށް ހުންނާތީއެވެ. 

ފުރަތަމަ ކޮޅު ހީކުރެވުނީ އެއީ ފުރަތަމަކޮޅު ވީމާ ދައްކާ ސިފައެއް ކަމަށެވެ. ނަމަވެސް 2 ދަރިން ލިބުމުންވެސް ހަމަ ކޮންމެ ދުވަހަކުވެސް އެސުވާލުތައް އެގޮތަށް ކުރެއެވެ. ދެދަރިން ގޮވައިގެން އުޅެމުންވެސް ގޭތެރޭގެ އެއްވެސް މަސައްކަތެއް ފިރިމީހާއަކަށް ނުޖައްސަމެވެ. 

އެއްދުވަހަކު އެންމެ ގާތް އެކުވެރިޔާ އައިސް އޭނާގެ ފިރިމީހާ އޭނާއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދޭ ވާހަކަ ދެއްކުމުން ވިސްނާނުލައި އަޅުގަނޑުގެ ފިރިމީހާގެ ސިފަތައް އޭނާއަށް ކިޔައިދެވުނެވެ.  އަޅުގަނޑަށް އެހީތެރިވެދޭން އަބަދުވެސް ތައްޔާރަށް ހުންނަކަމާއި ނަމަވެސް ފިރިމީހާ ލައްވައި ގޭގެ ކަންކަން ނުކުރުވައި ފިރިމީހާ އާއިމެދު އަޅުގަނޑު ކަންކަން ކުރާ ގޮތްވެސް ކިޔައިދެވުނެވެ. އަޅުގަނޑަކީ އެއްވެސް މީހަކަށް ހަސަދަލައިގެން އުޅޭ މީހަކަށް ނުވާތީ ތެދުބަހުން ކިޔައިދެވުނީއެވެ. 

ދެން ވާންފެށިގޮތަކީ އެކުވެރިޔާ އަޅުގަނޑުމެންގެ ގެއަށް އައުން ގިނަވާންފެށީއެވެ. އެކަމަކަށްވެސް މާބޮޑު ސަމާލުކަމެއް ނުދެމެވެ. ނުބައި ވިސްނުމެއްވެސް ނުވިސްނަމެވެ. ޝައްކެއްވެސް ނުކުރަމެވެ. 

އެއިގެ ދުވަސްކޮޅެއްފަހުން ނިދަން ތިބެފައި ފިރިމީހާ ސުވާލުކުރިއެވެ. އަޅުގަނޑުގެ އެކުވެރިޔާ ޝިރުމީނާ އާއި ބެހޭ އެއްވެސް ކަމެއް އެނގޭތޯއެވެ؟ އޭނާގެ އެއްވެސް ކަމެއް ސަމާލުކަމަށް އައިސްފައިވޭތޯއެވެ؟ 

ޖަވާބުގައި އެފަދަ ކަމެއް ނެތްކަމަށް ބުނުމުން ދެން ސުވާލުކުރީ ދެމަފިރިންގެ އެއްވެސް ވާހަކައެއް އޭނާ ގާތުގައި ދެއްކިންތޯއެވެ؟ ފުރަތަމަ ބުނެވުނީ ދެއްކުނު ހަނދާން ނެތް ކަމަށެވެ. އެގޮތަށް ބުނުމުން ފިރިމީހާ ބުނީ އަލުން ރަނގަޅަށް ހަނދާންކޮށްލުމަށެވެ. އެހެން ބުނުމުން އެތައް އިރެއްވަންދެން ވިސްނިފަހުން ހަނދާންވިއެވެ. އޭނާގެ ފިރިމީހާ އޭނާއަށް އެހީތެރިނުވާ ވާހަކަ ދެއްކި ދުވަހު ކިޔައިދެވުނު ވާހަކަތަކެވެ. ހަނދާންވުމުން ފިރިމީހާ ގާތު އެވާހަކަ ބުނީމެވެ. 

ފިރިމީހާ އަޅުގަނޑު އަތަށް ދިނީ އެނާގެ ފޯނެވެ. ދެއްކީ އެކުވެރިޔާ ފޮނުވާފައިހުރި މެސެޖްތަކާ ފޮޓޯތަކާ ވޮއިސްކޯލްތަކެވެ. ފިރިމީހާ އެއްވެސް ޖަވާބެއް ދިންކަން އެނގޭކަށް ނެތެވެ. އެންމެ ފަހުން ފޮނުވާފައި އިނީ ބިކިނީގައި ހުރި ވީޑިއޯއެކެވެ. 

ފިރިމީހާ ބުނީ މެސެޖްތައްކުރިއިރު އަޅާނުލައި ހުރީ ޖަވާބުނުދިނުމުން ނިންމައިލާނެކަމަށް ބަލައިގެން ކަމަށާއި މިވާހަކަ ދައްކަންވެސް މިޖެހުނީ ގޯހުން ގޯހަށް ކަންކަން ދިއުމުން ކަމަށެވެ. އަދި އޭނާ ގެއަށް ނުވެއްދުމަށާއި އެކުވެރިކަން ނުބޭއްވުމަށްވެސް ބުންޏެވެ. 

އެހެންބުނީމާ އެވީޑިއޯ އަޅުގަނޑުގެ ފޯނަށް ފޮނުވާފައި އަޅުގަނޑުގެ ފޯނުން އެކުވެރިޔާގެ ފޯނަށް ފޮނުވީމެވެ. އެއްވެސް އިތުރު އެއްޗެއް ނުބުނަމެވެ. އެއިގެ ފަހުން އެކުވެރިޔާ ގެއްލުނީއެވެ. ނުވެސް ގުޅައެވެ. ނުވެސް އާދެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަތައް ކިޔައި މިދިނީ ޢިބްރަތަކަށެވެ. ބުނެލަން ބޭނުންވަނީ ކޮންމެ ފިރިއަކީ އަޅުގަނޑުގެ ފިރިމިހާފަދަ ފިރިއަކަށް ނުވާނެއެވެ. ވީމާ ކިތަންމެ ގާތް އެކުވެރިއަކަށްވެސް ތިމާގެ ފިރިމީހާގެ ކިބައިން ލޯތްބާއި އަޅައިލުން ލިބޭ މިންވަރުކިޔައި ނުދޭށެވެ. ކިޔައިދެވިއްޖެނަމަ މިފަދަ ކަންކަން ކުރިމަތިވެ ފިރިމީހާ ގެއްލުމުގެ ފުރުޞަތު ބޮޑުވެގެންހިނގައިދާނެއެވެ.

 

- ނަޞީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން