ފަޤީރުކަމާއި ހަމަނުޖެހުން އޮތް ދުނިޔެއެއްގައި ދެމެހެއްޓެނިވި ތަރައްޤީގެ ވަޞީލަތެއްގެ ގޮތުގައި އެންމެ ފުރިހަމަ ގޮތުގައި ޒަކާތް ބޭނުންކުރެވޭ ގޮތާމެދު ވިސްނާލުން މުހިންމު: ޑރ. މުނީޒާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ފަޤީރުކަމާއި ހަމަނުޖެހުން އޮތް ދުނިޔެއެއްގައި ދެމެހެއްޓެނިވި ތަރައްޤީގެ ވަޞީލަތެއްގެ ގޮތުގައި އެންމެ ފުރިހަމަ ގޮތުގައި ޒަކާތް ބޭނުންކުރެވޭ ގޮތާމެދު ވިސްނާލުން މުހިންމު: ޑރ. މުނީޒާ

ފަޤީރުކަމާއި ހަމަނުޖެހުން އޮތް މިޒަމާނުގައި ދެމެހެއްޓެނިވި ތަރައްޤީގެ ވަޞީލަތެއްގެ ގޮތުގައި ޒަކާތް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާމެދު ވިސްނާލުން މުހިންމު ކަމަށް މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނެންސް ޔުނިވަރސިޓީގެ އެސޯސިއޭޓް ޑީން ޑރ. ޢާއިޝަތު މުނީޒާ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ޑރ. މުނީޒާ ވިދާޅުވީ ޓެކްސްއާއި ޒަކާތުގެ ތަފާތުތަކާމެދު މީހުން ހޭލުންތެރިކުރުވައި، ޒަކާތުގެ ސަބަބުން މުޅި މުޖުތަމަޢަށް ލިބޭ ފައިދާތަކަށް އަހުލުވެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޑރ. މުނީޒާ ފާހަގަކުރެއްވި ގޮތުގައި، ޓެކްސްގެ ޤާނޫނެއް އޮތް ނަމަވެސް، ޒަކާތަށް ވަކި ޤާނޫނެއް އޮންނަން މުހިންމުވަނީ، ޓެކްސްއާ ޚިލާފަށް ޒަކާތަކީ ފަޤީރުކަން ނައްތާލައި، ފަޤީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަކޮށް، އިޖުތިމާޢީ ހަމަޖެހުން ޤާއިމުކުރެވޭ އިސްލާމް ދީނުގައި ޝަރުޢުކުރައްވާފައިވާ ނިޒާމަކަށްވާތީއެވެ.

"ޒަކާތަކީ މީހެއްގެ ދިރިއުޅުން ފަޤީރުކަމުން މުއްސަނދިކަމަށް ބަދަލުކޮށްދެވޭ އެއްޗެއް. ފަޤީރުކަން ނައްތާލާ އާލާތެއްގެ ގޮތުގައި ޒަކާތް ބޭނުންކުރަންޖެހޭ. ޒަކާތު މަހާސިންތާ ބާއްވާއިރު، ނިޒާމު ތަރައްޤީކުރުމަށްޓަކައި ކުރެވޭނެ މަސައްކަތްތަކަކީ ކޮބައިތޯ ވިސްނަންޖެހޭ،" ޑރ. މުނީޒާ ވިދާޅުވިއެވެ.

އަދި ޤައުމީ ތަރައްޤީގެ ސިޔާސަތުގައިވެސް ޒަކާތުގެ ނިޒާމު ހަރުދަނާކުރުން ހިމަނަންޖެހޭ ކަމަށާއި، ޓެކްނޮލޮޖީގެ އައު ވަޞީލަތްތަކާއެކު ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ހޯދަން މުހިންމު ކަމަށްވެސް ޑރ. މުނީޒާ ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން