ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތަކަކީ އިންސާނީ ކަރާމަތާ ގުޅިލާމެހިފައިވާ ޙައްގުތަކެއް ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ އޮފީހުގައި ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމާ ބެހޭ މުއާހަދާގެ ރިވިއުގައި ދެއްކެވި ވާހަކަފުޅުގައި، މުއާހަދާ ތަންފީޒުކުރުމަށް ރާއްޖޭން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން އިންސާނީ ޙައްގުތަކާބެހޭ ކޮމިޓީން ކުރި ސުވާލުތަކަށް ރާއްޖޭގެ ވަފުދުން ވަނީ ޖަވާބުދެއްވާފައެވެ.
މި ރިވިއުގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވީ، "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތަކަކީ އިންސާނީ ކަރާމަތާ ގުޅިލާމެހިފައިވާ ޙައްގުތަކެއް" ކަމަށެވެ. އަދި އެއީ ހަމަހަމަ ފުރުސަތުތަކާއި ފުރިހަމަ ބައިވެރިވުމާއި ފުރިހަމަ ގާބިލުކަމަށް ހުރަސްއަޅާ ކޮންމެ ހުރަހެއް ނައްތާލުމަށް ބާރުއަޅާ ޙައްގުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭން ސިޔާސަތުތައް އެކުލަވާލުމުގައި މިހާރު ގެންގުޅޭ އުސޫލާ ބެހޭގޮތުން ވާހަކަދައްކަވަމުން ބަންޑާރަނައިބު ފާހަގަކުރެއްވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތައް ވަކިވަކިން އެކަހެރިކޮށް ހައްލުކުރުމުގެ ބަދަލުގައި، ހުރިހާ ދާއިރާއަކުން ޤައުމީ ފެންވަރުގައި އެކުލަވާލާ މައިގަނޑު އިސްތިރާޖުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ކުރިއެރުވުމަށް ވަށައިޖެހޭ ހައްލުތަކެއް ހިމެނުމަށް މަސައްކަތްކުރަމުންދާ ކަމެވެ.
މި ރިވިއުގައި ރާއްޖޭގެ ވަފުދުގައި ބަންޑާރަނައިބުގެ އޮފީހުގެ އިތުރުން ޚާރިޖީ ވުޒާރާއާއި ސިއްޙީ ވުޒާރާއާއި ތަޢުލީމީ ވުޒާރާ އަދި އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ކަމާގުޅުން ހުރި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.