ކޮންމެ ގޮތަކުން ނަމަވެސް ލޯބިވެރިޔާ ޖަހައިގަންނަން މަހަކަށް ސިޙުރުހެދި ޒުވާނާގެ ފަޔަށް ފަރުތޮޅިއެއް ވަރުގަދަ ޙަމަލާއެއްދިން ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ކޮންމެ ގޮތަކުން ނަމަވެސް ލޯބިވެރިޔާ ޖަހައިގަންނަން މަހަކަށް ސިޙުރުހެދި ޒުވާނާގެ ފަޔަށް ފަރުތޮޅިއެއް ވަރުގަދަ ޙަމަލާއެއްދިން ޙާދިސާއެއްގެ ވާހަކަ-

އެއީ ވަރަށް ގޮތް ދޫނުކުރާ ޒުވާނެކެވެ. އޭނާ ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް އޭނާއަށް ޙާޞިލުކުރެވެން ޖެހޭނެ ކަމަށް ޤަބޫލުކޮށްގެން އުޅެމުން އައި ޒުވާނެކެވެ. އެހެންވެ އޭނާ އެއަންހެނަކު ދެކެ ލޯބިވެގެން އުޅޭ އަންހެންކުއްޖާ އެހެން މީހަކާ ކައިވެނިކުރުމުން މަސައްކަތް ފެށީ ދެމަފިރިން ދުރުކޮށްގެންވެސް އެކުއްޖާ އާއި ކައިވެނިކުރާށެވެ. 

ޒުވާނާއަކީ ތަނަވަސް ޢާއިލާއަކަށް ނިޞްބަތްވާ ޒުވާނަކަށްވުމުން ފުރަތަމަ މަސައްކަތްކުރީ ތަނަވަސްކަމުގެ ބާރުގައެވެ. އެގޮތުން މަގެއް ނުފެނުމުން ދެން ހިނގަން ފެށީ ސިޙުރުވެރިންގެ ގާތަށެވެ. އޭނާގެ އަތުގައި ފައިސާހުރުމުން އޭނާ ހީކުރީ އޭނާ ބޭނުންވާ ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނެ ކަމަށެވެ. 

ދުވަސްކޮޅެއް ފަހެވެ. ޒުވާނާ އެކުވެރިންކޮޅަކާއެކު މަސްހިފަން މޫދަށް އެރުނު ދުވަހެކެވެ. އިރުކޮޅެއް ނުވެ ފެނުނީ ޒުވާނާ އަތްމައްޗަށް ލައިގެން އެކުވެރިންތައް ދުވަމުން އަންނަތަނެވެ. ފަރުތޮޅިއެއް ފަޔަށް ހަމަލާއެއް ދިނީއެވެ. ފައިގެ ފަލަމަސްގަނޑުން ވީދާލައިގެން ގެންދިއައީއެވެ. ލޭފޭބިލެއް ގިނަކަމުން އިރުކޮޅަކުން ހޭނެތިއްޖެއެވެ. 

ހޭއެރީ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަންކުރިތާ 8 ގަޑިއިރު ފަހުންނެވެ. ރަށަށް އައުދެވޭވަރުވީ ބޭސްއަޅަމުން ގޮސް މަސްދުވަސްވީފަހުންނެވެ. ގޭގައި ހަމަޖެހިލެވުމާއިއެކު ޒުވާނާގެ އެންމެ ގާތް އެކުވެރިޔާ ގާތު ބުންޏެވެ. "މިއީ އަމިއްލައަށް ބޮވުނު ބޮނޑިއެކެވެ. ޒަރީނާގެ ކަންތަކުގަ ޢީސަބެ ދިރޭ މަހެއްގަ އަކަކުރަހާފަ މޫދަށް ދޫކޮށްލި ދުވަހުން ފެށިގެން ކޮންމެވެސް ނުބައެއް ހިނގައިފާނެ ކަމަށް ހުރީ ބިރުންނެވެ. ޢީސަބެއަށް ވަރުގަދަ ލަގާއެއް ދޭންވާނެއެވެ." 

އެއީ ޒުވާނާގެ އެކުވެރިއެއް ނަމަވެސް ސިޙުރުހެދުން ފަދަ ކަންކަމަށް ވަރަށް ނަފުރަތުކުރާ ޒުވާނަކަށްވާތީ އައިރުޅީގައި ވަރަށް ބާރަށް ބުންޏެވެ. "އަދިވެސް ބަލަންވީ ޢީސަބެއަށް ލަނޑެއް ދެވޭތޯ ހެއްޔެވެ؟ ކިތަންމެމެ މޮޅު މީހަކު ހަދާ ސިޙުރުވެސް އެކޮޅުކޮޅުން ޖެހިދާނެއެވެ. މިފަހަރު ތިއޮތީ އެހެންވެފައެވެ. ދެންވެސް އަވަހަށް ގޮސް ޒަރީނާގެ ދެމަފިރިންގެ ކިބައިން މާފަށް އެދުނިއްޔާ މާފައިދާކުރާނެއެވެ." 

އެހެން ބުނާއިރަށް އެއަޑު އެތައް ބައަކަށް އިވި ބޭޒާރުވީއެވެ. ހަފްތާއެއްވީއިރުވެސް ރަށުގެ ދެމީހަކު ބައްދަލުވެއްޖެނަމަ ފުރަތަމަ ދައްކަނީ ޢީސަބެ ހެދި ސިޙުރު އެކޮޅުކޮޅުން ޖެހުނު ވާހަކައެވެ. ނިންމައިލަނީ ފައިސާ ހުއްޓަސް އުޑަށް ނޭރޭނެ ކަމަށް ބުނުން ފަދަ މަލާމާތުގެ ބަސްތަކުންނެވެ.

މިއީ ތަންކޮޅެއް ކުރީގައި ހިނގާފައިވާ ކަމެއްގެ ވާހަކައެވެ. ސިޙުރު ހެދުން މިހާރު މާގިނަވެފައިވާތީ މިހުރީވެސް ކަންކަން މެދުވެރިވާ ގޮތް ކަމަށް ބުނެލި ބޭނުމަކީ ހަމަ އެންމެ މީހަކުވެސް ހޭލުންތެރިވެ އެނުބައި ޢަމަލު ނުކުރޭތޯއެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން