ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް މިއަދު އަޅުއްވައިދެއްވައިފިއެވެ.
މި ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުނީ މި އަހަރުގެ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ހއ. އުތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ބޮޑުތަކުރުފާނުގެ ހަނދާނުގައި ހއ. އުތީމުގެ ބަނދަރުގައި ބިނާކުރެވޭ މި ދޮރާށީގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. މި ދޮރާށި ފަރުމާކޮށްފައިވަނީ ކަޅުއޮތްފުންމީގެ ހަ ބަޠަލުންނާއި، އިސްލާމް ދީން އިޔާދަކުރެއްވުމާއި، ދިވެހިންގެ ސަގާފަތާއި މިނިވަންކަން ރަމްޒުކޮށްދޭ ގޮތަށެވެ.
ދޮރާށީގެ ޚާއްސަ ފަރުމާގައި ހިމެނޭ ދިވެހިންގެ އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްފައިވާ 6 ތަނބުން ރަމްޒުކޮށްދެނީ ދިވެހިންގެ މިނިވަންކަމަށްޓަކައި ޖިހާދުކުރެއްވި ހަ ބަޠަލުންނެވެ. ރޭގަނޑަށް ދިއްލޭ މި 6 ބައްތިން ރަމްޒުކޮށްދެނީ ކަޅުއޮށްފުންމީގެ 6 ބަޠަލުން ދިވެހި ޤައުމަށް ކުރެއްވި ޚިދުމަތްތަކުގެ ފަނޑުވުމެއްނެތް ހަނދާންތަކެވެ.
މި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ފަސްޓްލޭޑީ ސާޖިދާ ވަނީ ހައިވަކަރު ދެ ގަސް އިންދަވާ ދެއްވާފައެވެ. އަދި މީގެއިތުރުން އުތީމުގެ އޮނުހިޔާ ނުވަތަ އިސްރަށްވެހިންގެ ޕާކު ވެސް ރައީސް ވަނީ ހުޅުއްވައިދެއްވާފައެވެ.
މި ދޮރާށި އެޅުމަކީ ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ބޮޑުތަކުރުފާނުގެ ޒިކުރާ އާލާކުރުމަށާއި، އަންނަން އޮތް ޖީލުތަކަށް އެ މަނިކުފާނުގެ ޚިދުމަތްތައް ހަނދާންކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.