ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް އުތީމު ބަނދަރުމަތިން މިއަދު ވަނީ ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ، އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އަދި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. އަދި މީގެއިތުރުން އުތީމު ކައުންސިލުގެ ރައީސްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ސަރުކާރުން ފަށާފައިވާ ޣާޒީ ރަދުންގެ ހަނދާން އައުކުރުމުގެ މަޝްރޫޢުގެ ދަށުން އުތީމުގައި ތަރައްޤީކުރާ ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
އަދި މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެރަށުގައި ކުރިއަށް ގެންދެވުނު ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ގަސް އިންދަވައިދެއްވާފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ސަލާމްކުރައްވާފައެވެ.