ފިނޭ އޭޓީއެމްގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ފިނޭ އޭޓީއެމްގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި

ތިލަދުންމަތީ ދެކުނުބުރީ ފިނޭގައި އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ. އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފިނޭއަށް ވަޑައިގެން، އެރަށުގައި އަލަށް ޤާއިމްކުރެވުނު އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމާއެކު، އެމަނިކުފާނު ވަނީ އެ އޭޓީއެމުން ފައިސާވެސް ނަންގަވާފައެވެ.

މި އަހަރުގެ ތެރޭގައި 100 ރަށެއްގައި އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ފަށާފައެވެ.

ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފިނޭގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް މި އޭޓީއެމް މެދުވެރިކޮށް ލިބޭނެއެވެ. އަދި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބެން ހުންނާނެއެވެ.

އޭޓީއެމްގެ ޚިދުމަތް ފެށްޓެވުމަށްފަހު، ރައީސް މުޢިއްޒު ވަނީ ހަނދާނީ ބޭންކް ކާޑެއް ފިނޭ ކައުންސިލާ ހަވާލުކުރައްވާފައެވެ. މި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، ފިނޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސް މުޢިއްޒުގެ ވަޢުދުފުޅެކެވެ. 

މިއަދު އޮންލައިން