އުތީމު "ވާހަކަ ވައު" ތަރައްޤީކުރާ ސަރަޙައްދުގައި، ކަނދު ގަސް އާލާކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އުތީމު "ވާހަކަ ވައު" ތަރައްޤީކުރާ ސަރަޙައްދުގައި، ކަނދު ގަސް އާލާކުރަނީ

އުތީމު "ވާހަކަ ވައު" ތަރައްޤީކުރާ ސަރަޙައްދުގައި، ކަނދު ގަސް އިންދާ އާލާކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާހީމެވެ.

މި ހަރަކާތުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި، ކައުންސިލާއި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ މުވައްޒަފުންނާއި އުތީމުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަޝްރޫޢުގެ ދަށުން 300 ކަނދު ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމިއްޔަތު ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، "މިއީ ރާއްޖެއަށް ވަރަށް އާ، ތަފާތު މަސައްކަތެއް. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އާންމުން ޝައުޤުވެރިވާނެ ގޮތަށް، އުތީމުގެ ތާރީޚީ ވާހަކަތައް ޒަމާނާ ގުޅޭ ވަސީލަތްތަކާއި ގޮތްތައް ބޭނުންކޮށްގެން ގެނެސްދިނުން" ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، "މިތާނގައި ހިނގާލާފައި ވާހަކަތައް ކިޔާލަމުން އުޅެވޭގޮތަށް މަގުތައް ހެދިފައި ހުންނާނީ. ވަރަށް ޝައުޤުވެރިވާގޮތަށް މިތަން ތަރައްޤީވާނީ. ތަފާތު، ރީތި، މައިދާނަކަށް މިތަން ވާނީ. ޒަމާނާ އެއްގޮތަށް، އެކަމަކު އޭގެ ޙަޤީޤީ މާނައިގައި ގެނެސްދޭނީ" ކަމަށެވެ.

އުތީމުގެ "ވާހަކަ ވައު" އަކީ ދިވެހިންގެ ތާރީޚާއި ސަގާފަތް ދިރުވައި އާލާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި މަޝްރޫޢުގެ ސަބަބުން އުތީމުގެ ތާރީޚީ ތަރިކަ ރައްކާތެރިކޮށް، ޒަމާނީ އުކުޅުތަކާއެކު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން