ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހަނިމާދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރަށުގެ އެކި ދާއިރާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ޒިޔާރަތުގެ ތެރެއިން ހަނިމާދޫއަކީ އެމަނިކުފާނު ވަޑައިގެންނެވި ތިންވަނަ ރަށެވެ. މި ދަތުރުފުޅުގައި ހަނިމާދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅަށް ކުރައްވާ 4 ދުވަހުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެއްލެވުމާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެދުންތައް އަޑުއެއްސެވުމެވެ.