ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް 2025 ގެ ޝަރަފުވެރި މެހެމާނުގެ ގޮތުން ޕްރޮފެސަރ ޑރ އައިޝަތު މުނީޒާ ދެއްކެވި ވާހަކަފުޅުގެ ޚުލާސާ.

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 7ސ
ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް 2025 ގެ ޝަރަފުވެރި މެހެމާނުގެ ގޮތުން ޕްރޮފެސަރ ޑރ އައިޝަތު މުނީޒާ ދެއްކެވި ވާހަކަފުޅުގެ ޚުލާސާ.

23 އޮގަސްޓު 2025 ވި ހޮނިހިރުދުވަހު، ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އިންތިޒާމުކޮށްގެން ބޭއްވި ދެވަނަ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް 2025 ގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތީ މެލޭޝިޔާގެ މަރުކަޒީ ބޭންކުން އުފައްދާފައިވާ އިންސެފް ޔުނަވަރސިޓީގެ އެސޯސިއޭޓް ޑީން، ޕްރޮފެސަރ ޑރ އައިޝަތު މުނީޒާއެއެވެ. މިކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ: "ޒަކާތު ފޯރ ސޯޝަލް ޖަސްޓިސް އެންޑް ޑިޖިޓަލް އިންކްލޫޝަން: އެޑްވާންސިންގ ސޯޝަލް ވެލްފެއާ ތްރޫ އިނޮވޭޝަން” އެވެ. މިގޮތުން، ޕްރޮފެސަރ މުނީޒާ ދެއްކެވި ވާހަކަފުޅުގައި ޒަކާތާއި، ޓެކްސްއާ ހުރި ތަފާތާއި އަދި އެކަމަނާގެ ނަޒަރުގައި ޒަކާތުގެ ހިންގުން ރާއްޖޭގައި ހަރުދަނާ ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ތިރީގައި މިވަނީ އެކަމަނާގެ ވާހަކަފުޅުން ފާހަނގަކުރެވޭ މުހިއްމު ނުކުތާތަކެވެ.

· އެކަމަނާ ފާހަގަކުރެއްވި ގޮތުގައި މިއަހަރު ޒަކާތު ކޮންފަރެންސް މި ބޭއްވެނީ ވަރަށް ތާރީޚީ ދަނޑިވަޅެއްގައެވެ. އެއީ ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ޒަކާތު ބިލެއް ހުށަހަޅައި، މަޝްވަރާ ކުރެވެމުންދާ ވަގުތެއްގައެވެ.  އެކަމަނާ ވިދާޅުވީ، މިއީ ރާއްޖޭގައި ޒަކާތަށް ޚާއްޞަ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމަށް އެޅި ބިންގާ އަޅާ މުހިއްމު ވަގުތުކަމުގައެވެ. އަދި މިވަގުތުގައި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، އެ ނިޒާމުގެ ތަސައްވަރާ ގުޅޭ ގޮތުން ފުންކޮށް ވިސްނާލަން އެބަޖެހޭކަމުގައެވެ. މިގޮތުން، އަމިއްލަ ނަފްސާ ވަރަށް މުހިއްމު ސުވާލުތަކެއް ކޮށްލުމަށް ވިދާޅުވިއެވެ. އެ ސުވާލުތަކަކީ:

ފަޤީރުކަމާއި ހަމަނުޖެހުން އޮތް ދުނިޔެއެއްގައި، ދެމެހެއްޓެނިވި ތަރައްޤީގެ ވަސީލަތެއްގެ ގޮތުގައި ޒަކާތް އޭގެ އެންމެ ފުރިހަމަ ގޮތުގައި މުއްސަދިންނާއި ފަޤީރުންގެ ދެމެދުގައި އޮތް ފަރަޤު ނައްތާލުމަށް ބޭނުންކުރެވޭނެ އެންމެ ފުރިހަމަ ގޮތަކީ ކޮބައިތޯއެވެ؟

• ޓެކްސް ނަގާ މުޖުތަމަޢުތަކުގައި އަދިވެސް ޒަކާތް ބޭނުންވަނީ ކީއްވެގެންތޯއެވެ؟

• އަދި ޓެކްސް އޮތޯރިޓީތައް މިހާރުވެސް އޮތްއިރު އަޅުގަނޑުމެންނަށް ވަކި ޚާއްސަ ޒަކާތުގެ ޤާނޫނެއް މުހިއްމުވަނީ ކީވެގެންބާއެވެ؟

· މި ސުވާލުތަކުގެ ތެރެއިން، އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ޒަކާތު ބިލުގެ ވާހަކަ ދެކެވެން ފެށުމާއެކު ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދުނު ސުވާލެއްކަމުގައި ވެފައި ވަނީ ޓެކްސް ނެގިޔަސް ކޮންމެހެން ޒަކާތުގެ ވަކި ޤާނޫނެއް އޮންނަންޖެހޭނެތޯއެވެ. މިފަދަ ސުވާލުތައް މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި އުފެދުމުން ދޭހަކޮށްދެނީ، އަދިވެސް އަޅުގަނޑުމެން ޒަކާތަށް އަހުލުވެރިކޮށް ހޭލުންތެރިކުރަންޖެހޭ މިންވަރު އިތުރުކުރަންޖެހިފައިވާކަންކަމުގައި ވިދާޅުވިއެވެ.  އެފަދަ ފަރާތްތައް އެ އިޝާރާތް ކުރަނީ އިތުރު ހޭލުންތެރިކަމެއް ބޭނުންވާ ކަމަށްކަމުގައި ވިދާޅުވިއެވެ. އަދި އެފަދަ މީހުންނަށް، ވިސްނައިދޭންޖެހޭނީ، ތަކުރާރުކޮށް، ޒަކާތަކީ ހަމައެކަނި ޓެކްސް ނެގުމުގެ އެހެން ގޮތެއް ނޫންކަންކަމުގައެވެ.  ޓެކްސް އަކީ އިންސާނުން އުފައްދާފައިވާ ޒިންމާއެއްކަމާއި އަދި ޒަކާތަކީ އިލާހީ ވާޖިބެއްކަމުގައެވެ. ޓެކްސް އިން ސަރުކާރުތައް ދެމެހެއްޓޭއިރު، ޒަކާތުން އެންމެ ނާޒުކު މީހުން އުފުލައިދޭ ކަމުގައެވެ. ޓެކްސްގެ ގާނޫނުތަކަކީ އިންސާނުން ހަދާފައިވާ ގާނޫނުތަކަކަށް ވާއިރު، ޒަކާތަކީ ޤުރުއާނުގައި ބަޔާންކޮށްފައިވާ ފައިދާ ލިބޭ ވަކި ގިންތިތަކަކާއެކު އިލާހީ ގޮތުން ލާޒިމުކުރާ އެއްޗެއްކަމުގައެވެ. އެހެންވެގެން، ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ހިންގުމަށް އަމިއްލަ ވަކި އެކަމަށް ޚާއްސަ ޤާނޫނެއް ބޭނުންވާ ކަމުގައެވެ. 

· އެކަމަނާ ފާހަނގަކުރެއްވި ގޮތުގައި، ހަމައެކަނި ޤާނޫނެއް ހެދިޔަސް އަދި ޒަކާތުގެ ކަންކަން އަމިއްލައަށް ހަރުދަނާވެގެން ނުދާނެއެވެ. ޒަކާތުގެ މަޤްޞަދުތައް ހަޤީޤަތުގައި ޙާޞިލުކުރުމަށްޓަކައި، އެކަން ބަލަހައްޓައި މެނޭޖުކުރާ ގޮތާމެދު އައު ނަޒަރިއްޔާތަކުން މިއަދު ވިސްނާލަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެކަމަނާ ފާހަގަ ކުރެއްވި ގޮތުގައި މިހާރުގެ އާއްމު އުސޫލަކީ ޒަކާތުގެ ފައިސާ އޭގެ ބެހެނިވެރިންނަށް އެއްފަހަރު ބޭނުންކުރެވޭ ގޮތަށް ޖަމާކޮށްދިނުންކަމުގައެވެ. އެހެންކަމުން ގިނަ މީހުންނަށް ހީވެފައި އޮންނަނީ، ޒަކާތުގެ ފައިސާ އަކީ ކުރުމުއްދަތަކަށް މީހަކަށް ހޯދައިދޭ ތަސައްލީއެއްކަމުގައެވެ. އެކަމަނާ ހާމަކުރެއްވި ގޮތުގައި، ޒަކާތަކީ އެއަށްވުރެ މަތިވެރި މަޤްސަދެއް ޙާސިލުކުރެވޭނެ ފަދަ އިސްލާމިކް ސޯޝަލް ފައިނޭންސް އިންސްޓްރޫމަންޓެއްކަމުގައެވެ. ޒަކާތަކީ ހަމައެކަނި އެއްދުވަހުގެ ބޭނުންތައް ފުއްދައިދޭން މީހުންނަށް ދޭ ފައިސާއެއް ނޫންކަމުގައެވެ. އެއީ މީހެއްގެ ދިރިއުޅުން ފަޤީރުކަމުން މުއްސަދިކަމަށް އަދި މިއަދު ޒަކާތުގެ ފައިސާއަށް ބަރޯސާވާ މީހާއަކީ މާދަމާ ޒަކާތް ދައްކާ މީހަކަށް ބަދަލުކޮށްދެވޭނެ ފަދަ މުޅި އިންސާނިއްޔަތަށް ފައިދާ ހުރި އެއްޗެއް ކަމުގައެވެ. 

· އެހެންކަމުން އެކަމަނާ ދެކެވަޑައިގަންނަވާ ގޮތުގައި ޒަކާތުގެ ގޮތުގައި އެއްފަހަރު ޖަމާކުރާ ފައިސާގެ ބަދަލުގައި، ފަޤީރުކަން ނައްތާލައި، މުޖުތަމަޢު ތަހުޒީބުކުރުމަށްޓަކައި ޒަކާތުން އެކި އެކި ޕޮރޮގްރާމްތައް ފަރުމާކޮށް ހިންގިދާނެއެވެ. މިގޮތުން އަސްނާފުންނަށް ނުވަތަ ޒަކާތުގެ ބެހެނިވެރިންނަށް އެކި އެކި ހުނަރުތައް ދަސްކޮށްދީގެން، ވަސީލަތްތައް ހޯދައިދީގެން އަމިއްލަ ވިޔަފާރީ ހިންގާނެ ގޮތްތައް ދަސްކޮށްދެވިދާނެއެވެ. އޭރުން މުޅި އުމުރު ޒަކާތުގެ ފައިސާ އަށް ބަރޯސާވުމުގެ ބަދަލުގައި، ދަސްވި ކަންކަމުން އަމިއްލަ ފައި މައްޗަށް ތެދުވެ، މުސްތަޤްބަލުގައި، ޒަކާތް ދައްކާ މީހަކަށް އެމީހާ ބަދަލުވެގެން ދާނެއެވެ. 

· ހަމައެއާއެކު، އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ވަގުތުން ލުޔެއް ހޯދުމަށް ޒަކާތް ބޭނުން ކުރާއިރު، އަޅުގަނޑުމެން ގެންގުޅެންޖެހޭނީ ޑާޓާ ޑްރިވަން އުސޫލެއްކަމުގައެވެ. ޒަކާތް މެނޭޖުކުރާ ފަރާތުން، ޒަކާތުގެ ފައިސާ އޭގެ ބެހެނިވެރިން ބޭނުންކުރާ ގޮތްތައް ދެނެގަނެ، އެ މައުލޫމާތުގެ މައްޗަށް ބަރޯސާވެގެން، އެފަދަ ފަރާތްތަކަށް ޚާއްސަ ޒަކާތުގެ އެކިއެކި ޕްރޮގްރާމްތައް ފަރުމާކުރަންޖެހޭނެއެވެ. އަދި ޒަކާތުގެ ފައިސާ ބޭނުންކުރަނީ ޒިންމާދާރުގޮތަކަށްކަން ކަށަވަރުކުރެވޭނެ ނިޒާމެއް އޭރުން ޤާއިމުކުރެވޭނެއެވެ.

· އެކަމަނާ ވިދާޅުވި ގޮތުގައި، އަޅުގަނޑުމެންގެ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޓަރނެޓް މިދަނީ ބޭނުންކުރެވެމުންނެވެ. އޭގެ ސަބަބުން، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމުގެ ދޮރުމިވަނީ ހުޅުވިފައެވެ. ޒަކާތް ޑިޖިޓަލައިޒްކޮށް، އޮންލައިން ޕޯޓަލްތަކާއި މޯބައިލް އެޕްތަކާއި ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޒަކާތް ޖަމާކުރާ ފަރާތްތަކަށް ފަސޭހަކަން ހޯދަދެވިދާނެއެވެ. ބްލޮކްޗެއިން ފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަކާތުގެ ނިޒާމުގެ ހިންގުން ދެފުށްފެންނަ ގޮތަށް ބައްޓަންކުރުމުގެ މަގު ފަހިވެގެން ދާނެއެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޑާޓާ ޑްރިވަން ނިންމުންތައް ނިންމޭނެއެވެ. އައިއޯޓީ ނުވަތަ އިންޓަރނެޓް އޮފް ތިންގްސް ބޭނުންކޮށްގެން ، ގޭބިސީތަކުގެ ފަޤީރުކަން ހުރި މިންވަރު ރިއަލް ޓައިމްގައި މިންކޮށް، އެންމެ ބޭނުންވާ މީހުންނަށް ޒަކާތް ފޯރުކޮށްދެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.  

· އެކަމަނާގެ ވާހަކަ ނިންމާލެއްވުމުގެ ކުރިން، ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، މިހާރު ހުރި ހަރުފަތުން މަތީ ހަރުފަތަކަށް ގެންދިއުމަށް ކުރުން މުހިއްމު ބައެއް ކަންކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. މިގޮތުން، ހޭލުންތެރިކަން އިތުރުކުރުމުގެ ކަންކަން ކުރުމާއި އަދި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަކާތުގެ ނިޒާމު ހަރުދަނާކުރުން ހިމެނެއެވެ. 

· އެކަމަނާގެ ވާހަކަ ނިންމާލެއްވުމުގެ ކުރިން ވިދާޅުވީ، ޒަކާތުގެ އަމާޒަކީ ހަމައެކަނި ބަޔަކަށް އެއްފަހަރު ހޭދަކުރުމަށްޓަކި ފައިސާގެ އެހީ އެއް ފޯރުކޮށްދިނުމެއް ނޫންކަމުގައެވެ.  އެއީ މީހެއްގެ ހަޔާތް އާރާސްތުކުރުމަށް ދެވޭ އެހީގެ އަތެއްކަމުގައެވެ. 

-ނޯޓު: ޕްރޮފެސަރ ޑރ ޢައިޝަތު މުނީޒާއަކީ ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ނިޒާމު ކުރިއެރުވުމަށްޓަކައި ގިނަގުނަ މަސައްކަތެއް ކުރައްވަމުން ގެންދަވާ ފަރާތެކެވެ. އަދި އެކަމަނާއަކީ، ރާއްޖޭގެ ފުރަތަމަ ފަހަރަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއަށް އައްޔަންކުރެވުނު އަންހެން ނައިބު ވަޒީރެވެ. އެކަމަނާ ވަނީ މީގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ވެސް ނައިބު ވަޒީރުކަންވެސް ކުރައްވާފައެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ގޮތުން މެލޭޝިޔާ، ސްރީލަންކާ، ޓެންޒޭނިޔާ އަދި ބަޙްރައިން ފަދަ ޤައުމުތަކަކުގައި އިސްލާމިކް ފައިނޭންސާ ގުޅޭ މުއައްސަސާތަކުގައި އެކަމަނާ ދަނީ މަސައްކަތްކުރައްވަމުންނެވެ. ދިވެހިރާއްޖޭގެ ހައުސިންގް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޝަރީޢާ ކޮމިޓީގައި ވެސް މެމްބަރެއްގެ ގޮތުގައި އެކަމަނާ ހިމެނެއެވެ. އަދި މިވަގުތު އެކަމަނާ އަކީ އަމާނާ ތަކާފުލް މޯލްޑިވެސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޑައިރެކްޓަރެކެވެ.

 

މިއަދު އޮންލައިން