ހަނިމާދޫ އައު ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހަނިމާދޫ އައު ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

ހދ. ހަނިމާދޫގައި 30 އެނދުގެ އައު ހޮސްޕިޓަލެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ސިއްޙަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވަނީ މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމް އަދި ހަނިމާދޫ ކައުންސިލްގެ ރައީސްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައު ހޮސްޕިޓަލު ނިމުމުން ރަށުގެ ސިއްޙީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި މިހާރު ހުރި ސިއްޙީ މަރުކަޒުގެ ޚިދުމަތްތައްވެސް ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، މިއަހަރު ނިމުމުގެ ކުރިން ހަނިމާދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއެކު، ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތްވެސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މި އައު ހޮސްޕިޓަލުގެ ސަބަބުން ހަނިމާދޫގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރަށުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން