ހަނިމާދޫ އޭޓީއެމްގެ ޚިދުމަތް ރައީސް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ހަނިމާދޫ އޭޓީއެމްގެ ޚިދުމަތް ރައީސް ފަށައިފި

ހދ. ހަނިމާދޫގައި ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފަށައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ހަނިމާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަމިއްލަފުޅަށް އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި މި މުނާސަބަތުގައި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން ބިލްތަކަށް ފައިސާ ދެއްކުމާއި އެކައުންޓުން އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް މި އޭޓީއެމް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

އަދި ކްރެޑިޓް ކާޑާއި ލޯނުތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމް މެދުވެރިކޮށް ލިބޭނެކަމަށް ބޭންކުން ވަނީ ހާމަކުރައްވާފައެވެ. މި ޚިދުމަތް ފެށުމާއެކު ހަނިމާދޫގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

މިއަދު އޮންލައިން