ހދ. ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެ ސްކޫލުގެ އުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން ސަޢީދު މުޙައްމަދެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާނެވެ.
މި މަޝްރޫޢުގެ ދަށުން ހަނިމާދޫ ސްކޫލްގައި އައު އިމާރާތެއް ޢިމާރާތްކުރުމާއެކު، ސްކޫލުގެ އުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސަރުކާރުން ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.
ހަނިމާދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ފެށުމާއެކު، އެ ރަށުގެ ދަރިވަރުންނަށް ތަޢުލީމު އުނގެނުމަށް މިހާރަށްވުރެ ފަހި މާޙައުލެއް ޤާއިމްވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ސްކޫލުގެ ވަޞީލަތްތައް އިތުރުވެ، ތަޢުލީމީ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.