ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނު ތިލަދުންމަތީ ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ނައިވާދޫގައި ޤާއިމުކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމަކީ 24 ގަޑިއިރު ޚިދުމަތް ލިބޭނެ އޭޓީއެމެއް ކަމަށް ބީއެމްއެލްއިން މަޢުލޫމާތު ދެއެވެ. މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމާއި، ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތްތައް ލިބޭނެއެވެ.
އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާއްސަ ހަނދާނީ ފިލާއެއް ނައިވާދޫ ކައުންސިލާ ހަވާލުކުރައްވާފައެވެ. ކައުންސިލުގެ ފަރާތުން މި ހަނދާނީ ފިލާއާ ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް އަލީ ރަޝީދު މުހައްމަދެވެ.
ހދ. އަތޮޅުގެ 10 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް، މުޅި އަތޮޅަށް މި ޚިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާރުވެސް ހަނިމާދޫ އެއަރޕޯޓުގައި ބީއެމްއެލްގެ އޭޓީއެމެއް ހުރި ނަމަވެސް، އެ އޭޓީއެމުން ލިބެނީ ހަމައެކަނި ދިވެހި ރުފިޔާ ނެގުމުގެ ޚިދުމަތް އެކަންޏެވެ.
ނައިވާދޫގައި އަލަށް ޤާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއެކު، އެ ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން އަތޮޅުގެ އެހެން ރަށްރަށުގައިވެސް މި ޚިދުމަތް ޤާއިމުކުރެވިގެންދިއުމާއެކު، އަތޮޅުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ލިބިގެންދާނެއެވެ.