ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އަމާޒުކޮށްގެން އެކުލަވާލެވުނު އައު ޤާނޫނަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ.
މި ޤާނޫނަކީ ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" ގެ ނަމުގައި މިއަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރެވުނު ޤާނޫނެވެ. އަދި މި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މެއި މަހުގެ 25 ވަނަ ދުވަހު ތަސްދީގު ކުރައްވާފައެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށްޓަކައި އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރުތަކެއް ދިނުމެވެ.
މީގެ އިތުރުން، މި ޤާނޫނުގެ ދަށުން ގޭންގު ކުށްތަކުގައި އުޅޭ މީހުން ކުށުގެ ވެށިން ދުރުކޮށް، މުޖުތަމައަށް އަނބުރާ ރުޖޫޢަވުމަށް މަގުފަހިކޮށްދިނުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމާއި، އެފަދަ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓަރކޮށް ބެލެހެއްޓުމަށް ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ގޭންގު ކުށްތައް މަދުކުރުމަށާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.