ނައިވާދޫ ކައުންސިލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް އާރުސީސީއާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ނައިވާދޫ ކައުންސިލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް އާރުސީސީއާ ޙަވާލުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލުގެ އައު އިމާރާތުގެ މަސައްކަތް އާރުސީސީއާ ޙަވާލުކޮށް އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތުގައި ނައިވާދޫ ކައުންސިލުގެ ރައީސް ޢަލީ ރަޝީދު މުހައްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރުސީސީ) އާއެވެ. މި އިމާރާތަކީ ރަށުގެ އިދާރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އިމާރާތެއް ކަމަށް ބެލެވެއެވެ.

ނައިވާދޫ ކައުންސިލް އިދާރާގެ އައު އިމާރާތް ނިމުމުން، ރަށުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން