ހއ. ނައިވައިދޫ ފުޓްސަލް ދަނޑު ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި ދަނޑު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ގާތްގަނޑަކަށް ދެ އަހަރާއި ބައިގެ މުއްދަތުގައި ނިމިގެން ދިޔަ މި މަޝްރޫޢަކީ ސަރުކާރުގެ ފަރާތުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި ދަނޑުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވެރިންނާއި ރަށު ކައުންސިލްގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ނައިވައިދޫއަކީ ކުޅިވަރުގެ ރޮނގުން، ޚާއްޞަކޮށް ފުޓްސަލްގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ރަށެކެވެ. ގޯލްޑަން ފުޓްސަލްގެ ރަނަރަޕް މަޤާމު ހޯދުމުގެ ޝަރަފު ލިބިފައިވާ މި ރަށަކީ ގައުމީ އަންހެން ފުޓްސަލް ޓީމަށް ކުޅުންތެރިން ފޯރުކޮށްދޭ ރަށެއްވެސް މެއެވެ.
މި ދަނޑު ހުޅުވުމާއެކު ރަށުގެ ޒުވާނުންނަށް ފުޓްސަލް ކުޅުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. ކައުންސިލުން ފާހަގަކުރާ ގޮތުގައި މި ދަނޑަކީ ރަށުގެ ކުޑަކުދިންނަށް މި ކުޅިވަރަށް ތަމްރީނު ދިނުމަށް ލިބިގެންދިޔަ މުހިންމު ވަސީލަތެކެވެ. އަދި ފުޓްސަލް މުބާރާތްތަކަށް ފަރިތަކުރުންތައް ބޭއްވުމަށް ޚާއްޞަ ދަނޑެއް ނެތުމުގެ ދަތިކަން މި ދަނޑާއެކު ހައްލުވެގެންދާނެއެވެ.
މި ދަނޑު ހުޅުވުމާއެކު ނައިވައިދޫގެ ކުޅިވަރުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ރަށުގެ ޒުވާނުންގެ އުންމީދުތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.