ހދ. ނެއްލައިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފި އެވެ.
މި ޚިދުމަތް ފަށްޓަވައިދެއްވާފައިވަނީ ރައީސް މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ނެއްލައިދޫގައި ޤާއިމުކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމަކީ 24 ގަޑިއިރު ޚިދުމަތް ލިބޭނެ އޭޓީއެމެކެވެ. މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތްތައް ލިބޭނެ އެވެ.
ރަސްމީ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފިލައެއް ނެއްލައިދޫ ކައުންސިލާ ހަވާލުކޮށްދެއްވާފައެވެ. މި ފިލައަކީ އެ ރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށުނުކަން ފާހަގަކޮށް ދެއްވާފައިވާ ހަނދާނީ ފިލައެކެވެ.
ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، ތިލަދުންމަތީ ދެކުނުބުރީގެ 10 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް، މުޅި އަތޮޅަށް މި ޚިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެ ބޭންކުން ރާއްޖޭގެ ރަށްރަށުގައި ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޅާ އިތުރު ފިޔަވަޅެކެވެ.
ނެއްލައިދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، އެ ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ލިބިގެންދާނެއެވެ. އަދި މިއީ އެ ރަށުގެ އިޤްތިޞާދީ ދުވެލި އިތުރުވެ، ވިޔަފާރިތައް ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެ ބޭންކުން ފާހަގަކުރެއެވެ.