ހދ. ނެއްލައިދޫގެ ފުޓްބޯޅަ ދަނޑުގެ ނުނިމިހުރި މަސައްކަތްތައް މިއަހަރު ތެރޭގައި ނިންމާލައި، އަދި އަންނަ އަހަރު އެރަށުގައި ފުޓްސަލް އަދި ހޭންޑްބޯޅަ ކުޅެވޭވަރުގެ ދަނޑެއް ހަދައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވި ގޮތުގައި ނެއްލައިދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަދި ފުރިހަމައެއް ނުވެއެވެ. ނަމަވެސް މި ސަރުކާރުން އެ ދަނޑުގެ މަސައްކަތް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވިއެވެ.
"މިހާރު އަލަށް ފަށާ މަޝްރޫއުތައް ކުރިޔަށް ގެންދަނީ ހުރިހާ ކަމެއް ފުރިހަމަވާ ގޮތަށް. ފެންސް ޖަހާ، ލައިޓް ހަރުކޮށް ނިންމާ ގޮތަށް،" ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު ބާރު ސްޕީޑްގައި ގެންގޮސް އެ ދަނޑުގެ މަސައްކަތް ނިންމާލަދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ނެއްލައިދޫގައި ފުޓްސަލް އަދި ހޭންޑްބޯޅަ ކުޅެވޭވަރުގެ ދަނޑެއް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫއުގެ މަސައްކަތް އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މި އަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގައިވެސް އެ ދަނޑުގެ މަސައްކަތް ފެއްޓޭނަމަ ފައްޓަވާނެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫއު ހިމެނިފައި އޮންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.