ނާގޯށީގައި ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ރައީސް އިފްތިތާޙުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ނާގޯށީގައި ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ރައީސް އިފްތިތާޙުކޮށްފި

ހދ. ނާގޯށި ތަރައްޤީކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.

މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއަރމަން އަބްދުﷲ ފާއިޒެވެ. މި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބޭންކުގެ ޗެއަރމަން އަހުމަދު އަލީ ހަބީބު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހދ. ނައިވާދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވިދާޅުވި ގޮތުގައި، އެމްޓީޑީސީއާ ހަވާލުކޮށްފައިވާ ނާގޯށީގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށާއި، މި މަޝްރޫޢު ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ނިޔާޒު ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. "ޑިސެމްބަރަށް ނިންމާނީ 183 ކޮޓަރި. އޭގެ ތެރޭގައި ބީޗް ވިލާސް، ޖަކޫޒީ ބީޗް ވިލާސް، އަދި ވޯޓަރ ވިލާސް ހިމެނޭހެން 4 ކެޓަގަރީއެއްގައި ހިމެނިގެންދާނެ ކޮޓަރިތައް. އެގޮތަށް ތަރައްޤީކުރަނީ،" އޭނާ ވިދާޅުވިއެވެ.

މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 183 ކޮޓަރި ނިންމައި، އަންނަ އަހަރުގެ ޑިސެމްބަރު މަހުގައި ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް ވަނީ ރޭވިފައެވެ.

މިއަދު އޮންލައިން