ހދ. ނެއްލައިދޫގައި ޖެޓީއެއް ހެދުމާއި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.
މި މަޝްރޫޢުގެ ދަށުން 3،086 މީޓަރުގެ ދިގު މަގެއްގައި، 15،265 އަކަމީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމްކުރެވޭނެއެވެ. މީގެ އިތުރުން 3،406 އަކަމީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމްކުރުމާއެކު، ފެންހިންދާ ނިޒާމެއްވެސް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭނެއެވެ.
58.19 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ މި މަޝްރޫޢު ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 720 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢަކީ ރަށުގެ ވަށައިގެންވާ މަގުތައް ތަރައްޤީކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ނެއްލައިދޫއަށް ކުރެއްވި ދަތުރުފުޅެއްގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. މި މަޝްރޫޢު ފެށުމާއެކު ރަށުގެ އުމްރާނީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.