ހދ. ނޮޅިވަރަމުގައި ޤާއިމުކޮށްފައިވާ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، ރައީސް އަމިއްލަފުޅަށް އޭޓީއެމުން ފައިސާ ނެންގެވިއެވެ.
ނޮޅިވަރަމުގައި އޭޓީއެމްގެ ޚިދުމަތް ފެށުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ. މިއީ ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެ އުފާވެރި ދުވަހެއްކަމުގައި ރަށުގެ ގިނަ ރައްޔިތުން ފާހަގަކުރެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސް މުޢިއްޒުގެ އިންތިޚާބީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ވަޢުދުފުޅު ފުއްދުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި 100 ރަށެއްގައި އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ފަށާފައެވެ.
މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާއިރު، މިއީ ރަށްރަށުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ. އަދި މިއީ ރަށްރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ، ވިޔަފާރިތައް ފުޅާވެގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމެއްކަމުގައިވެސް ބެލެވެއެވެ.