ހއ. ނޮޅިވަރަމް ގޮނޑުދޮށް ޙިމާޔަތް ކުރުމާއި ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އަގަކީ 52.9 މިލިއަން ރުފިޔާއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަމްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އަދި އެމްޓީސީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީ ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި 779 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 164 މީޓަރުގެ ބޮޑުހިލަ ގްރޮއިން ހިމެނެއެވެ. މި މަސައްކަތުގައި ޖަހާ ގްރޮއިންތަކަކީ 4 ވައި ގްރޮއިންތަކެކެވެ.
ނޮޅިވަރަމު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ނޮޅިވަރަމުގެ އިރުމަތީ ފަރާތުގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ނިންމަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި އައު ބަނދަރު ފުންކުރުމާއި، ނެރު ފުންކުރުމާއި، 362 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓަރ ޖެހުން، 238 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން، 90 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުން، 394 މީޓަރުގެ އެއްގަމު ތޮށި ޖެހުން ހިމެނެއެވެ. މީގެ އިތުރުން 12 މޫރިންގް ބޮއި ހަރުކުރުމާއި، ރޭމްޕް ހެދުމާއި، 2 ނެރު ބައްތި ހަރުކުރުމާއި، 14 މަގު ބައްތި ހަރުކުރުމުގެ އިތުރުން 1,895 އަކަމީޓަރ ޕޭވްމެންޓް ޖެހުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.