ދ. ނެއްލައިދޫގައި 3 ކޮޓަރީގެ 60 ހައުސިންގ ޔުނިޓާއި ވިޔަފާރި ބޭނުމަށް ޚާއްޞަ ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ވަނީ ހަވާލުކޮށްފައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔާޑް) ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހެއިރެވެ.
100 މިލިއަން ރުފިޔާގެ ޚަރަދު ހިނގާނެ މި މަޝްރޫޢުގެ ދަށުން އަޅާ ހައުސިންގ ޔުނިޓްތަކާއި ވިޔަފާރި ޔުނިޓްތައް ނިންމުމަށް ވަނީ 300 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މަޝްރޫޢު އެޗްޑީސީއާ ހަވާލުކުރުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނެއްލައިދޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެއް ކަމަށްވާއިރު، މި މަޝްރޫޢުގެ ސަބަބުން ނެއްލައިދޫގެ ގެދޮރުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.