ހދ. ނޮޅިވަރަންފަރުގައި ގެދޮރުގެ ދަތިކަން ހައްލުކުރުމަށްޓަކައި އިތުރު 250 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޮޅިވަރަންފަރު ރައްޔިތުންނާ މުޚާތަބުކުރައްވަމުންނެވެ.
ރައީސް ޑރ.މުޢިއްޒު ވިދާޅުވި ގޮތުގައި، ކުރިން ރަށު ކައުންސިލާ ހަވާލުކުރެވުނު 100 ހައުސިން ޔުނިޓުން އެރަށުގެ ގެދޮރުގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ހައްލެއް ނުވާނެއެވެ. އެހެންކަމުން، އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް އިތުރު ހައުސިން މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ ގޮތުގައި 100 ޔުނިޓް އެޅުމުގެ މަސައްކަތް އަންނަ މަހު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރެވޭނެ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ. "އެފަރާތްތައް ކައުންސިލުން ފާހަގަކުރާނީ. މިނިސްޓްރީއާ ގުޅިގެން، އަންނަ މަހު ކުރީކޮޅު ސޮއިކުރެވި އަމަލީ މަސައްކަތް ފެށޭނެ. އަމިއްލަ ގޯތީގައި ގެ ނޭޅޭ ފަރާތްތަކަށް ލުއި ގޮތްތައް ވެގެން އެދަނީ،" ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢަކީ އަމިއްލަ ގޯތި އޮވެ، އެ ގޯތީގައި ގެ ނޭޅިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫޢެއް ކަމަށާއި، މީގެ ދަށުން ތިން ކޮޓަރީގެ އެޕާޓްމަންޓްތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ނޮޅިވަރަންފަރު ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި އެރަށުގައި ގެވަޅު އޮވެ ގެ ނޭޅި ހުރި 100 އަށްވުރެ ގިނަ ގޯތި އެބަހުއްޓެވެ.
މި މަޝްރޫޢުގެ ސަބަބުން ނޮޅިވަރަންފަރުގެ ގެދޮރުގެ ދަތިކަމަށް އިތުރު ލުޔެއް ލިބި، ގިނަ ޢާއިލާތަކަކަށް ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.