ނޮޅިވަރަންފަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު 380 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ނޮޅިވަރަންފަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު 380 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު 44.68 މިލިއަން ރުފިޔާގެ އަގުގައި 380 ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި މަޝްރޫޢުގެ ދަށުން، 64,992.47 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 189 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމާއި، 161 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 65 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން ބަނދަރުގެ ޕޭވްމަންޓް މަސައްކަތާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

2000 މީހުންގެ އާބާދީއެއް އޮންނަ ނޮޅިވަރަންފަރުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ޢާއްމުގޮތެއްގައި ކުރާ މަސައްކަތަކީ ދަނޑުވެރިކަމެވެ. ބަނދަރު ތަރައްޤީވެ ފަޅުގައި ޖާގަ ތަނަވަސްވެގެން ދިޔުމަކީ ނޮޅިވަރަންފަރުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، ރަށުގެ އޮޑިދޯނިފަހަރާއި، ލޯންޗުފަހަރާއި ޑިންގީ އަޅާނެ ޖާގަ ތަނަވަސްވެ، ލަފާފުރުމުގެ ދަތިތަކަށް ހައްލު ލިބިގެންދާނެއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިއަދު އޮންލައިން