މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު އެއްވެސް އިރެއްގައި ކުރިކަމެއް ނޫންކަމަށާއި އެއީ އެމަނިކުފާނު އެއްވެސް ޝައުގުވެރިކަމެއް ހުންނަ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިގޮތުން، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މީޑިއާއާ ބެހޭ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "އަޅުގަނޑުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަކަށް މިކަން ކުރާކަށް ބޭނުމެއް ނޫން" ކަމަށެވެ. އަދި މި ބިލުގައި ހުށަހަޅާފައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރަކު ކޮމިޝަންގެ ރައީސްކަމަށް ހަމަޖެއްސުމަށް ބަދަލުގައި، ކޮމިޝަންގެ މެންބަރުން ވޯޓުލައިގެން ރައީސް ހޮވުމަށް އިސްލާހު ގެންނަން އަންގަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، "އެއްވެސް ވަރަކަށް އަޅުގަނޑުގެ ކޮންޓްރޯލެއް އޮންނަ ގޮތަކަށް އެއްވެސް ކަމެއް އަޅުގަނޑު ބޭނުމެއް ނޫން މީޑިއާ ރެގިއުލޭޓް ކުރުމުގައިވެސް އަދި ބެލެހެއްޓުމުގައިވެސް" ކަމަށެވެ. އަދި މީޑިއާ ވާންޖެހޭނީ ފުރިހަމަ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ ދާއިރާއަކަށް ކަމުގައި ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ހުށަހެޅިފައިވާ ބިލުގައި ހިމެނޭ ހަތް މެންބަރުންގެ ކޮމިޝަންގެ ރައީސް ހޮވުމުގައި، ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ރައީސް ހޮވުމަށް ބޭނުންފުޅުވާ ކަމަށެވެ. އަދި މީޑިއާގެ މިނިވަންކަމަށް އެއްވެސް ނުފޫޒެއް ފޯރުވުމަކީ އެމަނިކުފާނުގެ އެއްވެސް ބޭނުންފުޅެއް ނޫންކަމުގައި ވިދާޅުވިއެވެ.