މިއަހަރުގެ ތެރޭގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ބޮޑު އިންސައްތައެއްގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ނޮޅިވަރަންފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ ގާތަށް ވަޑައިގަތުމުން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވުމުގެ ފުރުސަތު ލިބިވަޑައިގަންނަވައެވެ. އަދި އަންނަ އަހަރު ބާކީ ހުންނަ މަސައްކަތްތައްވެސް ފެށޭނެ ކަމަށާއި، އެގޮތަށް ބަޖެޓު ތަރުތީބުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މިއަހަރާއި އަންނަ އަހަރަކީ ވަޢުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ފަށައި އަދި ގިނަ މަސައްކަތް ނިންމާނެ ދެ އަހަރު،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހުރިހާ ޝައުޤެއްވެސް ހުރީ ނަތީޖާ ނެރުއްވުމަށް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން އެދޭ ކަންކަން ހާސިލްކޮށްދެއްވުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކަށް ރައީސް އިޖާބަދެއްވައި، އެ ކަންކަން ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.