ހދ. ނޮޅިވަރަންފަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް ބްރާންޗަކާއި އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ބްރާންޗް އިފްތިތާޙް ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ. މި ބްރާންޗަކީ ބީއެމްއެލް އިސްލާމިކް ބްރާންޗެއް ކަމަށްވާއިރު، މި ބްރާންޗް މެދުވެރިކޮށް ބޭންކިންގގެ އެންމެހައި ޚިދުމަތްތައް ރައްޔިތުންނަށް ލިބިގެންދާނެއެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވިގޮތުގައި، ނޮޅިވަރަންފަރުގައި ޤާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެއިތުރުން، ބިލްތަކަށް ފައިސާ ދެއްކުމާއި އެކައުންޓުން އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް އޭޓީއެމް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
ނޮޅިވަރަންފަރުގައި ބީއެމްއެލްގެ ބްރާންޗަކާއި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަކީ އެރަށުގެ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ރަށުގެ ގިނަ ރައްޔިތުން ފާހަގަކުރެއެވެ. އަދި މިކަމަކީ ރަށުގެ ވިޔަފާރިތައް ކުރިއެރުވުމަށްވެސް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.