ދަރިވަރުން ސްކޫލަށް ބަދަލުކުރުމުގައި ދިރާސީ އަހަރުގެ 2 ފަހަރެއްގެ މަތިން ފުރުޞަތު ދިނުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ދަރިވަރުން ސްކޫލަށް ބަދަލުކުރުމުގައި ދިރާސީ އަހަރުގެ 2 ފަހަރެއްގެ މަތިން ފުރުޞަތު ދިނުމަށް ނިންމައިފި

ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި ދިރާސީ އަހަރުގެ ދެ ފަހަރެއްގެ މަތިން ފުރުސަތު ދިނުމަށް ތަޢުލީމީ ވުޒާރާއިން ނިންމައިފިއެވެ. މިއީ ކުރިން ދިރާސީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް ސްކޫލު ބަދަލުކުރެވޭގޮތަށް އޮތް އުސޫލަށް ގެނެވުނު ބަދަލެކެވެ.

ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވި ގޮތުގައި، އާންމު ޙާލަތުގައި ދަރިވަރުން ސްކޫލްތަކަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރެވޭނީ އަހަރަކު ދެފަހަރުއެވެ. އެގޮތުން، އަލަށް ފެށޭ ދިރާސީ އަހަރަށް ދަރިވަރަކު ބަދަލުކުރަން ބޭނުންވާނަމަ، ކުރީ އަހަރުގެ ދެވަނަ ޓާމު ނިމުމުގެ އެއް މަސް ދުވަސް ކުރިން އެކަން ހުށަހަޅަންޖެހޭނެއެވެ. އަދި ދެވަނަ ޓާމަށް ބަދަލުކުރަން ބޭނުންވާނަމަ، ފުރަތަމަ ޓާމު ނިމުމުގެ އެއް މަސް ދުވަސް ކުރިން ހުށަހަޅަންޖެހޭނެއެވެ.

"ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި ނިޒާމީ ގޮތެއްގައި ގެންގުޅެންޖެހޭ. ދުނިޔޭގެ އެންމެ ރަނގަޅު އުސޫލުތަކަށް ބަލާއިރުވެސް ދިރާސީ އަހަރުގެ ތެރޭގައި ކުދިން ކޮންމެ ކޮންމެ ވަގުތަކު ބަދަލުނުކުރެވޭ،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މި ބަދަލު ގެނެސްފައިވަނީ ދަރިވަރުންގެ އުނގެނުމަށާއި، ސްކޫލު ބަދަލުވުމުން ކުރިމަތިވާ ދަތިތައް ވީހާވެސް ބޮޑަށް ކުޑަކުރުމަށް ކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް، ޚާއްސަ ހާލަތްތަކުގައި، އެ ހާލަތެއް ބެލުމަށްފަހު ބަދަލުކުރަން ޖެހޭކަމަށް ފެނިއްޖެނަމަ އެފުރުސަތު ދެވޭނެކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް، ދަރިވަރުން ސްކޫލު ބަދަލުކުރުމުގެ ކުރިން އެކަމަށް ދުރާލާ ތައްޔާރުވުމަށް ތަޢުލީމީ ވުޒާރާއިން ވަނީ ބެލެނިވެރިންނަށް އިލްތިމާސްކޮށްފައެވެ. މިއީ ދަރިވަރުންގެ ތަޢުލީމީ ކުރިއެރުމަށް މުހިންމު ކަމެއްގެ ގޮތުގައި ވުޒާރާއިން ދެކެއެވެ.

މިއަދު އޮންލައިން