ހއ. އަދި ނ. އަތޮޅުގައި ސްޕީޗްތެރަޕީގެ ޚިދުމަތް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ހއ. އަދި ނ. އަތޮޅުގައި ސްޕީޗްތެރަޕީގެ ޚިދުމަތް ފަށަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލެއިން އެކަނި ލިބެމުން އައި ގިނަ ޚިދުމަތްތަކެއް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިގޮތުން ހއ. އަދި ނ. އަތޮޅުގައި ސްޕީޗްތެރަޕީގެ ޚިދުމަތް ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޞިއްޙަތާއި ބެހޭ ވުޒާރާގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވެއްޖެއެވެ.

ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ތަސްލީމާ ވިދާޅުވި ގޮތުގައި މިހާރު ސްޕީޗް ތެރަޕީގެ ޚިދުމަތް ލިބެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ހއ. އަތޮޅުގައި މި ޚިދުމަތް ފެށުމަށް އިރުޝާދު ލިބިފައިވާ ކަމަށާއި، ނ. އަތޮޅުގައިވެސް މި ޚިދުމަތް ފެށުމުގެ ތައްޔާރީތައް ދަނީ ކުރަމުންނެވެ.

"ލެވެލް 3 ގެ ޞިއްޙީ ޚިދުމަތް ދޭތަންތަނުގައި މި ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސަމުން ދަނީ. ނަމަވެސް ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުން ލިބުމުގެ ދަތިކަން ވަރަށް ބޮޑު. މިއީ ދުނިޔޭގައިވެސް މަދު ޕްރޮފެޝަނަލުން ތިބި ދާއިރާއެއް،" ތަސްލީމާ ވިދާޅުވިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިފަދަ ޚިދުމަތްތައް ފެށުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖެހިފައިވީ ނަމަވެސް، ފަންނީ މީހުން ނުލިބުމުގެ ސަބަބުން އަދި މި ޚިދުމަތް ފެށުމަށް ދަތިތަކެއް ހުރި ކަމަށް ތަސްލީމާ ފާހަގަކުރެއްވިއެވެ. އަދި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ނެޝަނަލް ތެރަޕިއުޓިކް އުސޫލުތަކެއް އެކުލަވާލާފައިވާ ކަމަށާއި، މި އުސޫލުތަކުގައި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި ބެލެނިވެރިންނާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ވެރިން އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ސްޕީޗް ތެރަޕީއަކީ ވާހަކަދެއްކުމުގައި ދަތިތަކެއް ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ދެވޭ ޚާއްސަ ޚިދުމަތެކެވެ. މި ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުން، ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާ ލިބުމަށް ފަސޭހަވެގެންދާނެއެވެ.

މިއަދު އޮންލައިން