ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ބަދަލުވާ ކޮންމެ ރައްޔިތަކަށް އަލަށް ބަދަލުވާ ސަރަޙައްދުން ގެ ލިބޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މިއަދު ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ހިރިމަރަދޫން ހަނިމާދުއަށް ބަދަލުވާ އެއްވެސް ރައްޔިތަކު ގެދޮރު ނެތި ނުތިބޭނެކަން ކަށަވަރުކުރެވޭނެ ކަމަށް ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އަދި މި ބަދަލުވުމާ ގުޅިގެން ހިރިމަރަދޫގައި މިހާރު ލިބިފައިވާ ގޯތިތަކާ މެދު ޢަމަލުކުރަންވީ ގޮތުގެ އިރުޝާދުވެސް ވުޒާރާއިން ވަނީ ދީފައެވެ.
މިގޮތުން، ހިރިމަރަދޫގައި މިހާރު ލިބިފައިވާ ގޯއްޗެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރުމާއި، ގޯތި ބައިކުރުމާއި، އެއްމެދު ކުރުންފަދަ ގޯތީގެ ރަޖިސްޓްރީއަށް ބަދަލު އަންނަ އެއްވެސް ކަމެއް ނުކުރުމަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުން، މި މަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި މި ނިންމުން ވަނީ އިޢުލާނުކުރައްވާފައެވެ. މި ބަދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ހިރިމަރަދޫ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމާއި، އެރަށު ހުރިހާ ރައްޔިތުންނަށް އެކަށީގެންވާ ގެދޮރާއި ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމެވެ.
މި މަޝްރޫޢުގެ އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރެވޭނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ.