ހދ. ވައިކަރަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޤާއިމްކޮށްފައިވާ އޭޓީއެމްގެ ޚިދުމަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، ބިލްތަކަށް ފައިސާ ދެއްކުމާއި އެކައުންޓުން އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް މި އޭޓީއެމް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޢުދެކެވެ. މި ވަޢުދު ފުއްދުމުގެ ގޮތުން ގިނަ ރަށްތަކެއްގައި މިހާރު ވަނީ އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިފައެވެ.
ވައިކަރަދޫގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވުމާއެކު، އެ ރަށުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި ވިޔަފާރިތަކަށްވެސް ފައިސާގެ މުޢާމަލާތްތައް ކުރުމަށް ފަސޭހަވެގެންދާނެކަމަށް ބެލެވެއެވެ.