ހދ. މަކުނުދޫ އެއާ ޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ހދ. މަކުނުދޫ އެއާ ޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. މަކުނުދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޙަސަން ރަޝީދެވެ.

85.44 މިލިއަން ރުފިޔާގެ މި މަޝްރޫޢު 780 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން، 1800 މީޓަރުގެ ރަންވޭއެއް އެޅުމާއި، 55,426 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 6,500 އަކަފޫޓުގެ އެއް ފަންގިފިލާގެ ފަސިންޖަރު ޓާމިނަލްއެއް އަދި 6,500 އަކަފޫޓުގެ ދެ ފަންގިފިލާގެ އަލިފާން ނިއްވާ އިމާރާތެއް ވެސް މި މަޝްރޫޢުގެ ދަށުން އެޅުމަށް ވަނީ ހަމަޖެހިފައެވެ.

1974 މީހުންގެ އާބާދީއެއް އޮންނަ މަކުނުދޫއަކީ މަސްވެރިކަމާއި ފަތުރުވެރިކަމަށް މަޝްހޫރު ރަށެކެވެ. އެއާޕޯޓެއް ތަރައްޤީ ކުރެވުމާއެކު، ފަތުރުވެރިކަމަށް އިންޤިލާބީ ބަދަލެއް އައިސް ރަށަށް އިޤްތިސާދީ ގޮތުން ގިނަގުނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މަކުނުދޫއަކީ ޤުދުރަތީ ވަސީލަތްތަކުން މުއްސަނދި ވެފައިވާ ފަޅެއް އޮންނަ ރަށެއް ކަމަށްވެފައި، އެއާޕޯޓެއް ތަރައްޤީވުމާއެކު ފަޅުގައި އިންވެސްޓްކުރާނެ ފަރާތްތައް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަދި ވަރަށް ގަދަ ކަނޑެއް ހުރަސްކޮށް ދެވޭ ރަށަކަށްވުމާއެކު، ވިއްސާރަ މޫސުމުގައި ރައްޔިތުންނަށް ދިމާވާ ދަތުރުފަތުރުގެ ދަތިތަކަށް މި އެއާޕޯޓުގެ ސަބަބުން ޙައްލު ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން އިތުރަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 460 އަކަފޫޓުގެ ފަޔަރ ޕޮންޑެއް ހެދުމާއި، 70 އަކަފޫޓުގެ ސެކިއުރިޓީ ޕޯސްޓެއް ހެދުމާއި، 5400 މީޓަރުގެ ޕެރިމީޓަރ ފެންސެއް ހެދުމާއި، އެއާފީލްޑް ލައިޓިންގ ސިސްޓަމެއް ހަރުކުރުން ހިމެނެއެވެ.

މިއަދު އޮންލައިން