މަކުނުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
މަކުނުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. މަކުނުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުނު އިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޙަސަން ރަޝީދެވެ.

1974 މީހުންގެ އާބާދީއެއް އޮންނަ މަކުނުދޫއަކީ މަސްވެރިކަމާއި ފަތުރުވެރިކަމަށް މަޝްހޫރު ރަށެކެވެ. 258.21 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ލިބި، ރަށަށް ޒަމާނީ ރީތި ގޮނޑުދޮށެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ރައްޔިތުންނަށް ގޯތި ލިބި، ސިނާޢީ މަސައްކަތްތައް ކުރުމަށް އިތުރު ސަރަޙައްދުތަކެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން 19.72 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1251 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 340 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، 211 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް 450 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ.

މިއަދު އޮންލައިން