މަކުނުދޫގައި އަމިއްލަ ފަރާތަކުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ފްކޯއާއި ހަވާލުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
މަކުނުދޫގައި އަމިއްލަ ފަރާތަކުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ފްކޯއާއި ހަވާލުކުރަނީ

ހދ. މަކުނުދޫގައި އަމިއްލަ ފަރާތަކުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް މިފްކޯއާއި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު މި މަޢުލޫމާތު ހާމަކުރެއްވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި މަކުނުދޫއަކީ މަސްވެރި ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ރަށެކެވެ. މީގެ 5 ނުވަތަ 6 އަހަރު ކުރިން މަކުނުދޫގައި ގިނަ އަދަދެއްގެ މަސްވެރި އުޅަނދުތައް ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، ނިމިދިޔަ ސަރުކާރުތަކުން މަސްވެރިކަމަށް ދިން ސަމާލުކަން ކުޑަވެ، މަސްވެރިންގެ އަގުވަޒަންނުކުރުމުގެ ސަބަބުން މަސްވެރިކަމުގައި ހަރަކާތްތެރިވި ދޯނިތަކުގެ އަދަދު މަދުވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އަމިއްލަ ފަރާތަކުން ފިޝަރީޒް ލޯނެއްގެ ދަށުން ގާއިމްކޮށްފައިވާ މި އައިސްޕްލާންޓް އޮޕަރޭޓްނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިހާރު އެ ފަރާތުން ބޭނުންވަނީ އައިސްޕްލާންޓް ސަރުކާރާ ހަވާލުކުރުމަށެވެ. "އަޅުގަނޑުމެން އެސެސްމަންޓެއް ހަދައިފިން މިހާރު. މި ސަރަހައްދުގެ މަސްވެރިން ބޭނުންވޭ އެ ޕްލާންޓް އޮޕަރޭޝަންއަށް ގެންނަން ސަރުކާރުގެ އެހީތެރިކަންވެސް ލިބިގެން،" ވަޒީރު ވިދާޅުވިއެވެ.

މި އައިސްޕްލާންޓް މިފްކޯގެ ދަށަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާއިރު، މިނިސްޓްރީ އޮފް ފިޝަރީޒްއިން ނަގާފައިވާ ލޯނުގެ ބޮޑު ބައެއް އަދާކޮށްފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި އައިސްޕްލާންޓް އަލުން ހިންގަން ފެށުމުން، އެ ސަރަހައްދުގެ މަސްވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

މިއަދު އޮންލައިން