އައި.ސީ.އެމް.އެސް ތަޢާރަފުކުރުމުން ކޯޓުތަކުގެ މަސައްކަތްތަކަށް ފަސޭހަވެ މަސައްކަތް ހަލުވިވާނެ: އުއްތަމަފަނޑިޔާރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
އައި.ސީ.އެމް.އެސް ތަޢާރަފުކުރުމުން ކޯޓުތަކުގެ މަސައްކަތްތަކަށް ފަސޭހަވެ މަސައްކަތް ހަލުވިވާނެ: އުއްތަމަފަނޑިޔާރު

ކޯޓުތަކުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް (އައި.ސީ.އެމް.އެސް) ތަޢާރަފުކުރުމުން، ކޯޓުތަކުގެ މަސައްކަތްތަކަށް ފަސޭހަތަކެއް ލިބި، މަސައްކަތުގެ ހަލުވިކަން އިތުރުވެގެންދާނެކަމުގެ ޔަގީންކަން އުއްތަމަފަނޑިޔާރު އަބްދުލް ޣަނީ ދެއްވައިފިއެވެ. މި ވާހަކަފުޅުތައް އެމަނިކުފާނު ދެއްކެވީ ފާއިތުވި ބުރާސްފަތި ދުވަހު މި އައު ނިޒާމު ތަޢާރަފުކުރުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވި ގޮތުގައި، ޓެކްނޮލޮޖީގެ އެހީގައި ގާއިމުކުރެވިފައިވާ މި އައު ނިޒާމުގެ ސަބަބުން ކޯޓުތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފުމަށް ކޯޓުތަކަށް ގޮވާލެއްވިއެވެ.

އައި.ސީ.އެމް.އެސްގެ މަންފާތަކާ ބެހޭގޮތުން އިތުރަށް ވާހަކަދައްކަވަމުން، "މައްސަލަތައް ހުށަހެޅުމާއި، ރަޖިސްޓްރީކުރުމާއި، ޝެޑިއުލްކުރުމާއި އަދި މައްސަލަތައް ބެލުމުގެ މަރުހަލާތަކުގައި ފާހަގަކުރެވޭފަދަ ކުރިއެރުންތަކެއް ލިބިގެންދާނެ" ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. އަދި މި މަސައްކަތްތަކަށް މިހާރު ހޭދަވާ ވަގުތު އެތައް ގުނައަކަށް ކުޑަކުރެވިގެންދާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

އުއްތަމަފަނޑިޔާރުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، މާލޭ ސަރަހައްދުގެ ކޯޓުތަކަށް ކުރެއްވި ޒިޔާރަތްތަކުން ފާހަގަކުރެވުނު ގޮންޖެހުންތަކުގެ ވާހަކަވެސް ހިއްސާކުރެއްވިއެވެ. މި ގޮތުން ކޯޓުތަކުގެ މަސައްކަތްތައް އަވަސްވެގެންދާނީ މި ދަތިތައް ހައްލުކުރެވިގެންކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކޯޓުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ބަޖެޓުގެ ދަތިކަމާއި ޤާނޫނީ ހުރަސްތައް ހިމެނޭކަމަށް ފާހަގަކުރައްވައި، މި މައްސަލަތައް ހައްލުކުރުމަށް ބަންޑާރަނައިބު އަޙްމަދު އުޝާމްއާއެކު މަޝްވަރާކުރައްވާ މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މިއަދު އޮންލައިން