މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ވަނީ އެމެރިކާގައި އުފައްދާފައިވާ "ޑރ ޕެޕާ" ސޮފްޓް ޑްރިންކް ނުވިއްކުމަށާއި ނައްތާލުމަށް އަންގާފައެވެ.
އެމްއެފްޑީއޭ އިން މިފަދައިން އަންގާފައިވަނީ މި ބުއިމުގައި ހުންނަންޖެހޭ މިންވަރަށްވުރެ "ބެންޒޮއިކް އެސިޑް" އިތުރުވެފައިވާތީއެވެ. އަދި މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް މެދުވެރިކޮށް އެ އޮތޯރިޓީއާ ހިއްސާކޮށްފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
އެމްއެފްޑީއޭ އިން ބުނީ ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުން ރާއްޖެއަށް އެތެރެނުކުރުމަށާއި، ނުވިއްކުމަށާއި، އަދި ބޭނުން ނުކުރުމަށް ވެސް އަންގާފައިވާ ކަމަށެވެ.
ބެންޒޮއިކް އެސިޑަކީ ކާބޯތަކެތީގައި ޕްރިޒަވެޓިވްއެއްގެ ގޮތުގައި ބޭނުންކުރާ މާއްދާއެކެވެ. ނަމަވެސް މި މާއްދާ ގަވާއިދުން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުވުމުން އޭގެ ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
އެމްއެފްޑީއޭ އިން ވަނީ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންގެ އަރިހުން މި އުފެއްދުމާ މެދު ސަމާލުވެ ތިބުމަށް އެދިފައެވެ.