ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ.
ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޭކުރެންދޫއަށް ވަޑައިގެން، އެމަނިކުފާނު މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ނޭކުރެންދޫގައި ޤާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް މި އޭޓީއެމް މެދުވެރިކޮށް ލިބޭނެއެވެ.
ނޭކުރެންދޫގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވުމާއެކު، އެރަށުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި މިއީ އެރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.